12 Nov 2013, 16:28
ހުކުރު ޚުތުބާގައި ސިޔާސީ ވާހަކަތައް ނުހިމެނުމަށް މާލޭ ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީގައި އެދިއްޖެ އެވެ.
އެ ކައުންސިލުން މިއަދު އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީއެއްގައި ބުނެފައި ވަނީ ހުކުރު ހުތުބާގައި ސިޔާސީ ވާހަކަތައް ގިނަވަމުންދާތީ ވަރަށް ގިނަ ފަރާތްތަކުން ޝަކުވާ ހުށައަޅަމުންދާ ކަމަށެވެ. އަދި އަންނަ ހުކުރު ދުވަހުގެ ހުތުބާ ތައްޔާރުކުރުމުގައި އެކަމަށް (ސިޔާސީ ވާހަކަ ނުހިމެނުމަށް) ސަމާލުކަން ދިނުމަށް އެދޭ ކަމަށް އެސިޓީގައި ބުނެފައިވެ އެވެ.
".. ހުކުރު ހުތުބާގައި ސިޔާސީ ވާހަކަތައް ގިނަވަމުންދާތީވެ، ހުކުރު ހުތުބާގައި ސިޔާސީ ކުލަޖެހެމުންދާ ކަމުގެ ޝަކުވާ ވަރަށް ގިނަ ފަރާތްތަކުން މިކައުންސިލަށް ހުށައަޅަމުން ގެންދެ އެވެ. އަދި މިމައްސަލަ މިއަދު ބޭއްވުނު ކައުންސިލްގެ 140 ވަނަ ރަސްމީ އާއްމު ޖަލްސާ އަށް ހުށައެޅި މަޝްވަރާކޮށް، ހުކުރު ޚުތުބާގައި ސިޔާސީ ވާހަކަތައް ނުހިމެނުމަށާއި އަދި މާލޭ ސިޓީގެ އަމާންކަން ގެއްލިދާނެތީވެ، ޚާއްސަކޮށް 15 ނޮވެމްބަރު 2013 ވާ ހުކުރު ދުވަހުގެ ޚުތުބާގައި ސިޔާސީ ވާހަކަތައް ނުހިމެނުއްވުމަށް ތިޔަ މިނިސްޓްރީގައި ދެންނެވުމަށް ކައުންސިލްގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ ބޭފުޅުންގެ އިއްތިފާގުން ފާސްކޮށްފައި ވާތީވެ މިވާހަކަ ދެންނެވީމެވެ،" މާލޭ ސިޓީ ކައުންސިލުން އިސްލާމިކް މިނިސްޓްރީއަށް ފޮނުވި ސިޓީގައިވެ އެވެ.
އެސިޓީގައި ބުނެފައި ވަނީ އެގޮތަށް އެދުނީ ގައުމުގައި އުފެދިފައިވާ ހަލަބޮލިކަން މަދުކުރުމަށް ކަމަށެވެ. އަދި މިއަދު އެދުނު ގޮތަށް މިމަހުގެ 15 ވާ ދުވަހު ދޭ ޚުތުބާގެ އިތުރުން ކުރިއަށް އޮތް ތަނުގައި ވެސް ސަމާލުކަން ދިނުމަށް ސިޓީގައި ބުނެފައިވެ އެވެ.
"ވީމާ 16 ނޮވެމްބަރު 2013 ވަނަ ދުވަހު ރިޔާސި އިންތިހާބުގެ ދެވަނަ ބުރު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ އިރު ގައުމުގައި އުފެދިފައިވާ ހަލަބޮލިކަން މަދުކުރުމަށް ޓަކައި އަންނަ ހުކުރު ދުވަހުގެ ޚުތުބާ ތައްޔާރުކުރެއްވުމުގައި މަތީގައި ދެންނެވި ކަންތައްތައް ތަކަށް ސަމާލުކަން ދެއްވުން އެދެމެވެ،" ސިޓީގައިވެ އެވެ.