12 Nov 2013, 16:22
ރައީސަކު އިންތިހާބު ވަންދެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ކަމަށް ބެލުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
މާލޭ ސިޓީކައުންސިލުގެ ހަތް މެމްބަރަކު ސޮއިކޮށް މިއަދު އާއްމު ކުރި ގަރާރުގައި ބުނެފައި ވަނީ ރަސްމީ އެންމެހައި މުއާމަލާތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުއާ މުއާމަލާތް ކުރުމަށް ނިންމާފައިވާ ކަމަށެވެ.
".. ދައުލަތުގެ އެންމެ އިސްވެރިޔަކީ، ރައްޔިތުން އިންތިހާބުކުރާ ރައީސުލްޖުމްހޫރިއްޔާއަކު އިސްވަންދެން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދު ކަމަށް ބެލުމަށާއި މާލޭ ސިޓީ ކައުންސިލް އިން ހިންގާ ރަސްމީ އެންމެހައި މުއާމަލާތްތަކުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދުﷲ ޝާހިދުއާ މުއާމަލާތް ކުރުމަށާއި މާލޭ ސިޓީ ކައުންސިލުން ރައްޔިތުންނަށް ދެމުން ގެންދާ އެންމެގައި ޚިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް ނިންމާ މިގަރާރު ފާސްކުމަވެ،" ގަރާރުގައިވެ އެވެ.
މަލޭ ސިޓީ ކައުންސިލްގެ އެގަރާރުގައި ސޮއިކޮށްފައި ވަނީ މާލޭ ސިޓީ ކަސުންސިލްގެ މެމްބަރު މުހައްމަދު އަފްރާޙު ޚަލީލާއި އިބްރާހިމް ސުޖާއު އާއި އަހުމަދު ހަމީދާއި އާދަމް މަނިކު ފިޔަވައި އެހެން މެމްބަރުންނެވެ.
ގަރާރުގައި ބުނެފައި ވަނީ އެގޮތަށް ނިންމީ މިމަހުގެ 10 ވަނަ ދުވަހުގެ ރޭ 12 ޖެހުމުން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ސަރުކާރުގެ ގާނޫނީ ހައްސިއްޔަތު (ދައުރު) ހަމަވެފައި ވާތީ ކަމަށެވެ.