12 Nov 2013, 16:20
ގައުމީ ފުޓްބޯޅަ ޓީމުގެ ހުސްވެފައިވާ ކޯޗު ކަމުގެ މަގާމަށް އަންނަ މަހުގެ ކުރީކޮޅު ބިދޭސީ ކޯޗަކު ހަމަޖައްސަން ނިންމާފައިވާ ކަމަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވް (އެފްއޭއެމް) އިން ބުނެފި އެވެ.
ވޭތުވެދިޔަ ދެ އަހަރެއްހާ ދުވަހު ގައުމީ ޓީމްގެ ކޯޗު ކަމުގައި ހުރި ހަންގޭރީގެ އިސްތަވާން އުރުބާނީ ހުސްވި އޮކްޓޫބަރު މަހުގެ ތެރޭގައި އެ މަގާމުން ވަކިކުރުމަށްފަހު އެފްއޭއެމްއިން ބުނެފައި ވަނީ އެ އިދާރާއިން ވަރަށް އަވަހަށް ޓީމަށް ބިދޭސީ ކޯޗަކު ހަމަޖައްސަން މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެފްއޭއެމްގެ ޑެޕިއުޓީ ޖެނެރަލް ސެކްރެޓަރީ އަހްމަދު ނާސިރު (ނާބެ) "ސަން"އަށް ވިދާޅުވީ، މިހާރު ވެސް ޔޫރަޕްގެ ހަތަރު ވަރަކަށް ކޯޗުން "ޝޯޓްލިސްޓް" ކުރެވިފައިވާ ކަމަށާއި އަދި އިތުރު ކޯޗުން ވެސް އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރަމުން ގެންދާ ކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ގެންދަނީ، ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ގައުމީ ޓީމަށް ބިދޭސީ ކޯޗަކު ހަމަޖައްސަން. މިހާރު ވެސް ޔޫރަޕްގެ ހަތަރު ކޯޗެއް މިވަނީ ޝޯޓްލިސްޓް ކުރެވިފައި. އަދި އިތުރު ކޯޗުން ވެސް ޝައުގުވެރިކަން ފާޅުކުރަމުން ގެންދާތީ، އެ ހުރިހާ ކޯޗުންގެ ސީވީތައް ބެލުމަށް ފަހު އެފްއޭއެމްގެ ޓެކްނިކަލް ބޭފުޅުން އެމަސައްކަތް ކުރިއަށް ގެންދަވަނީ،" ނާބެ ވިދާޅުވި އެވެ.
"ސަން"އަށް ކަށަވަރުވެފައިވާ ގޮތުގައި އެފްއޭއެމްއިން މިހާރު ޝޯޓްލިސްޓް ކޮށްފައިވާ ހަތަރު ކޯޗުންގެ ތެރޭގައި އިނގިރޭސި ވިލާތުގެ ޒުވާން ކޯޗެއް ކަމަށްވާ އުމުރުން 35 ފަސް އަހަރުގެ ސައިމަން މެކްމެނަމީގެ ނަންވެސް ހިމެނެ އެވެ.
ސައިމަން އަކީ މިހާރު އިންޑޮނީޝިއާގެ ސުޕަލީގު ކްލަބެއް ކަމަށްވާ ޕެލީޓާ ބަންޑުން ރާޔާގެ ހެޑްކޯޗެވެ. އަދި އޭނާ ކުރިން ވަނީ އިނގިރޭސި ވިލާތުގެ ވޯތިން ފުޓްބޯލް ކްލަބްގެ އެސިސްޓެންޓް ކޯޗު ކަމާއި ފިލިޕީންސް ގައުމީ ޓީމުގެ ހެޑްކޯޗު ކަމާއި ވިއެޓްނާމްގެ ޑޮންޓަމް ލޯން އާންގެ ކޯޗު ކަމާއި އެ ޓީމުގެ ޓެކްނިކަލް ޑައިރެކްޓަރު ކަމާއި އަދި އިންޑޮނީޝިއާގެ މިޓްރާ ކޫކަރު ފުޓްބޯޅަ ޓީމުގެ ކޯޗުކަން ކޮށްފަ އެވެ.
ނާބެ ވިދާޅުވީ ގައުމީ ޓީމަށް ކޯޗަކު ހޯދުމަށް އެފްއޭއެމްއިން ކުރަމުން ގެންދާ މަސައްކަތުގައި ޔޫރަޕާއި ދެކުނު އެމެރިކާގެ ގައުމުތަކުގައި މަސައްކަތް ކޮށް ތަޖުރިބާ ލިބިފައިވާ ރަނގަޅު ކޯޗަކު ހޯދުމަށް ވަރަށް ބޮޑަށް އިސްކަން ދޭނޭ ކަމަށެވެ.
"މިހާރު އެފްއޭއެމްގެ ވިސްނުމަކީ ދަނޑުމައްޗަށް ކުޅުންތެރިންނާއެކު ނުކުންނަ ކޯޗަކީ، ތަޖްރިބާހުރި އަދި ކުޅުންތެރިންނާއެކު ދުވެލައި ކުޅެލައި ހެދޭވަރުގެ ކޯޗަކަށްވުމަކީ ޓީމަށް އެންމެ ފައިދާކުރާނެ ގޮތްކަމަށް،" ނާބެ ވިދާޅުވި އެވެ.
ނާބެ އިތުރަށް ވިދާޅުވީ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރު ވުމުގެ ގޮތުން، ސީޝެލްސްއާ އެކު ގައުމީ ޓީމް ކުޅެން ހަމަޖެހިފައިވާ ތިން މެޗު ބަލައިލުމަށް މިހާރު ޝޯޓްލިސްޓް ކުރެވިފައި ތިބި ކޯޗުން ދާނޭ ކަމަށް ބެލެވޭ ކަމަށެވެ.
"ޝައުގުވެރިކަން ހުރި ކޯޗެއް ކަމުގައި ވިއްޔާ ކުޅުންތެރިންގެ ފެންވަރު ބަލާލަން ލިބޭ މިފަދަ ފުރުސަތެއްގެ ބޭނުން އަމިއްލަ ހައިސިއްޔަތުން ވެސް ހިފާނޭ ކަމަށް އަޅުގަނޑުމެންނަށް އުންމީދުކުރެވެނީ. އެއީ ކޯޗުކަމާ ހާވާލުވުމަށްފަހު އެ ކުޅުންތެރިން ދަސްކުރުމަށް ކޯޗަށް ވަގުތު ބޭނުންވާނެ. އެކަމަކު މިކަހަލަ މެޗްތަކެއް ބަލާލުމުގެ ފުރުސަތު ލިބިއްޖިއްޔާ އޭގެ ފައިދާ ބޮޑަށް ކުރާނީ ހަމަ ކޯޗަށް،" ނާބެ ވިދާޅުވި އެވެ.
ގައުމީ ޓީމް ސީޝެލްއާ އެކު ކުޅެން ހަމަޖެހިފައިވާ އެކުވެރި ކަމުގެ މެޗުތަކުގައި ޓީމުގެ ވަގުތީ ހެޑްކޯޗެއްގެ ގޮތުގައި މަސައްކަތް ކުރާނީ، ވޭތުވެދިޔަ ދެ އަހަރު ވެސް ޓީމާއެކު މަސައްކަތްކުރި އެސިސްޓެންޓް ކޯޗް އަލީ ނާޝިދު (އޮގަރު އައްޔަ) އެވެ.