12 Nov 2013, 16:11
އާ އަހަރު ފެށެންވާއިރަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައަށް އަރަން ބޭނުންވާކަމަށް ލީގުގެ ފަސް ވަނަ މަގާމްގައި 20 ޕޮއިންޓާއެކު މިވަގުތު އޮތް މެންޗެސްޓާ ޔުނައިޓެޑްގެ އިނގިރޭސި ފޯވާޑް ވޭން ރޫނީ ބުނެފި އެވެ.
ރޫނީ މިހެން ބުނީ މިދިޔަ އާދިއްތަ ދުވަހު ލީގުގައި އާސެނަލް އަތުން 1-0 ލަނޑުން ޔުނައިޓެޑް މޮޅުވި މެޗަށްފަހު އިނގިރޭސި މީޑިއާތަކަށް ދިން އިންޓަވިއުގައެވެ.
"އާސެނަލް މެޗުން މޮޅުވުމަކީ ޓީމަށް ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް. މިހާރު ދެ ޓީމުގެ ދެ މެދުގައި އޮތީ އެންމެ ފަސް ޕޮއިންޓުގެ ފަރަގެއް. އެ ފަރަގު ކުޑަކުރުމަށް ޓީމުގެ ހުރިހާ ކުޅުންތެރިން މިހާރުތިބީ އެކަތިގަޑަކަށްވެގެން. އަހަރުމެން ބޭނުން ވަނީ އާ އަހަރު ފެށެންވާއިރަށް ލީގުގެ އެވަނަ މަގާމަށް އެރުން. އެކަން އަހަރުމެންނަށް މިހާރު ކުރެވިދާނެ،" ރޫނީ ބުންޏެވެ.
އިނގިރޭސި ޕްރިމިއާ ލީގުގައި ވާދަކުރާ 20 ޓީމްގެ ތެރެއިން ކޮންމެ ޓީމެއް ވެސް ލީގުގައި މިވީހާތަނަށް ޖުމްލަ 11 މެޗް ކުޅެފައިވާއިރު ލީގުގެ އެއް ވަނަ މަގާމްގައި 25 ޕޮއިންޓާއެކު އޮތީ އާސެނަލްއެވެ. ދެ ވަނަ މަގާމްގައި 23 ޕޮއިންޓާއެކު ލިވަޕޫލް އޮތްއިރު ތިން ވަނަ މަގާމްގައި 22 ޕޮއިންޓާއެކު އޮތީ ސައުތުއެމްޓަންއެވެ. އަދި 21 ޕޮއިންޓާއެކު ލީގުގެ ހަތަރު ވަނަ މަގާމްގައި އޮތީ ޗެލްސީއެވެ.
ޕްރިމިއާ ލީގުގައި މެންޗެސްޓާ ޔުނައިޓެޑް ދެން އެންމެ އަވަހަށް ވެސް މެޗެއް ކުޅޭނީ މިމަހުގެ 24 ވާ އާދިއްތަ ދުވަހުގެ ރޭ ކާޑިފްސިޓީއާއެވެ. އެމެޗް ކުޅޭނީ ރާއްޖެ ގަޑިން 9:00 ގައެވެ.