މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ހިންގަން ޖީއެމްއާރު ހަވާލުވި އިރު، އެކުންފުނީގެ އެއާޕޯޓްތަކުން ލިބޭ އާމްދަނީގެ ތިންބައިކުޅަ އެއްބަޔާ އެއްވަރު އަދަދެއް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުގެ އާމްދަނީ އަށް އެކަނި ވެސް އަރާ ކަމަށް އިންޑިއާގެ ނޫހަކުން ބުނެފި އެވެ.


ވިޔަފާރީގެ ހަބަރުތައް ގެނެސްދޭ އިންޑިއާގެ އޮންލައިން ނޫހެއް ކަމަށްވާ "އިންޑިއާ އިންފޮ ލައިން"[އައިއެފްއެލް]ގައި ޖީއެމްއާރާ ހަވާލާދީ ބުނެފައި ވަނީ ވޭތުވެ ދިޔަ އަހަރު ވެސް މާލޭ އިންޓަނޭޝަނަލް އެއާޕޯޓަށް އާމްދަނީގެ ގޮތުގައި 135 މިލިއަން ޑޮލަރު ލިބިފައި ވާކަމަށާއި މިދިޔަ އަހަރު ވެސް ރާއްޖޭގެ މައިގޭޓް، މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން 42000 ޓަނުގެ ކާގޯ މުއާމަލާތްކޮށްފައިވާ ކަމަށެވެ.


އަންނަ އަހަރުން ފެށިގެން މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު [321ރ.] ޖީއެމްއާރަށް ނަގަން ފެށުމުން އެ ކުންފުނީގެ ފައިދާ އިތުރުވެގެން ދާނެ ކަމަށް ޖީއެމްއާރު އެއާޕޯޓްސް ޑިވިޝަންގެ ޖީފް ފައިނޭންޝިއަލް އޮފިސާ ސިތާތު ކަޕޫރު ވިދާޅުވި ކަމަށް ވެސް އެ ވެބްސައިޓުގައިވެ އެވެ.


އެ ކުންފުންޏަށް އެންމެ ބޮޑު ފައިދާއެއް ލިބެނީ އެއާޕޯޓްތައް ހިންގައިގެން ކަމަށާއި އެއީ ޖީއެމްއާރުގެ ފައިދާގެ 40 ޕަސެންޓް ކަމަށް އައިއެފްއެލްގައިވެ އެވެ. ރާއްޖެއަކީ ގިނަ އަދަދެއްގެ ޓޫރިސްޓުން ޒިޔާރަތް ކުރާ މަންޒިލަކަށް ވުމުން އެ އަދަދު އިތުރު ވެގެން ދާނެ ކަމަށާއި އޭގެ ސަބަބުން ޖީއެމްއާރުގެ ސާފު ފައިދާ އިތުރުވެގެން ދާނެ ކަމަށް އެ ނޫހުގައި ލިޔެފައިވެ އެވެ.


ޖީއެމްއާރުން ހިންގާ އެއާޕޯޓްތަކުގެ ތެރެއިން އެންމެ ބޮޑު ފީއެއް ނެގުމަށް ހަމަޖައްސާފައި ވަނީ އަހަރަކު ދެކޮޅަށް، ގާތްގަނޑަކަށް 2.6 މިލިއަން މީހުން ދަތުރުކުރާ މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އަދި އެއީ އެއާޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު[ ރަސްމީ ރޭޓުން 321.25ރ.] ކަމަށް ވެސް އެ ސައިޓްގައިވެ އެވެ.


އައިއެފްއެލްގައި ޖީއެމްއާރާ ހަވާލާދީ ލިޔެފައި ވަނީ ޖީއެމްއާރު ކުންފުނިން ދިއްލީގައި ހިންގާ އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 12 ޑޮލަރު ނަގަމުން އަންނަ އިރު ހައިދަރު އާބާދު އެއާޕޯޓުން ނަގަނީ 17 ޑޮލަރު ކަމަށެވެ. އެހެނަސް މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން 25 ޑޮލަރު ނަގާ ގޮތަށް ހަމަޖައްސާފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.


މާލޭ އިންޓަނޭޝަނަލް އެއާޕޯޓް އިންޑިޔާގެ ކުންފުންޏަށް ކުއްޔަށް ދިނީ 25 އަހަރަށެވެ.


މާލޭ އިންޓަނޭޝަނަލް އެއާޕޯޓް ޖީއެމްއާރުން ހިންގަން ހަވާލުވުމަށް ފަހު މިހާރު ވަނީ އެއާޕޯޓްގެ ނަން ބަދަލުކޮށްފަ އެވެ. އެއާޕޯޓަށް މިހާރު ކިޔަނީ ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓެވެ.


ޖީއެމްއާރުން ބުނެފައި ވަނީ ރާއްޖޭގެ މޫނުމަތި، އެއާޕޯޓް ތަރައްގީ ކުރުމަށް 511 މިލިއަން ޑޮލަރު ހަރަދުވާ ކަމަށެވެ. އޭގެ ތެރެއިން 70 ޕަސެންޓް ފައިނޭންސް ކުރަނީ ލޯނު ފައިސާ އިން ކަމަށް ވެސް ޖީއެމްއާރުން ބުނެ އެވެ.