12 Nov 2013, 16:08
މިހާރު ކުރިއަށްދާ ކެރަމް ލީގުގެ 12 ވަނަ ހަފްތާގެ ކުޅުން ނިމުނުއިރު ލީގުގެ އެންމެ ކުރީގައި އުޅޭ އަންހެން ފިރިހެން ކުޅުންތެރިންތައް ކަށަވަރުވެއްޖެ އެވެ.
ލީގުގެ ފިރިހެން ބައިގެ އެއްވަނައިގައި އޮތީ ހަސަން ނާޒިމެވެ. އަދި އަންހެން ކުޅުންތެރިންގެ ތެރެއިން އެންމެ ކުރީގައި އޮތީ އައިޝަތު ފައިނާޒެވެ.
މިދިޔަ މަހުގެ 16 އިން މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މިލީގުގެ ކުޅުން ކުރިއަށް ގެންދަނީ ކޮންމެ ހަފްތާއެއްގެ ހުކުރު ހޮނިހިރު ދެދުވަހުއެވެ.
ލީގުގައި ވާދަކުރާނީ ގައުމީ ޓީމަށާއި ގައުމީ ފެންވަރުގެ މުބާރާތްތަކުގެ ގަދަ އަށެއްގައި ހިމެނިފައިވާ ރާއްޖޭގައި މިވަގުތު ތިބި އެންމެ ހުނަރުވެރި ފިރިހެން 20 ކުޅުންތެރިންނާއި އަންހެން 10 ކުޅުންތެރިން ކަމަށް ކެރަމް އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
ލީގުގައި ވާދަކުރާ އަންހެން އަދި ފިރިހެން ކުޅުންތެރިން އެންމެން އެންމެންނާއި އެއް ރައުންޑް ކުޅޭ ގޮތަށް ފަރުމާ ކުރެވިފައިވާ މި ލީގުގައި ޖުމްލަ 435 މެޗު ކުޅެވޭނެއެވެ.
ކޮންމެ ހަފްތާއެއްގައި ކޮންމެ ކުޅުންތެރިއަކަށް ދެ މެޗު ކުޅޭގޮތަށް ޝެޑިއުލް ކުރެވިފައިވާ މި ލީގުގައި މޮޅުވާ ކޮންމެ މެޗަކަށް ފައިސާގެ އިނާމެއްވެސް ދިނުމަށް ހަމަޖެހިފައިވެއެވެ.
ކެރަމް އެސޯސިއޭޝަނުން ބުނީ، ލީގުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ ލީގުގައި ކުޅެވޭ ހުރިހާ މެޗަކުން އެއްވަނަ ހޯދާ ކުޅުންތެރިއާއަށް ދެވޭ ލީގު ޗެމްޕިއަން ކަމާއި ލީގުގެ އެންމެ މަތީ ވަނައެއް ހޯދާ އަންހެން ކުޅުންތެރިއާއަށް ދެވޭ ލީގުގެ އެއްވަނަ އަންހެން ކުޅުންތެރިޔާ ކަމާއި ލީގުގައި ފިރިހެން ކުޅުންތެރިންގެ މެދުގައި ކުޅެވުނު މެޗުތަކުން އެއްވަނަ ހޯދާ ފިރިހެން ސިންގަލްސް ޗެމްޕިއަން ކަމާއި ލީގުގައި އަންހެން ކުޅުންތެރިންގެ މެދުގައި ކުޅެވުނު މެޗުތަކުން އެއްވަނަ ހޯދާ އަންހެން ސިންގަލްސް ޗެމްޕިއަން ކަމެވެ. އަދި މިވަނަ ތަކުގެ އިތުރުން ޕްލެއަރ އޮފް ދަ ލީގާއި، އެންމެ ގިނަ ސްލޭމް ހެދި ކުޅުންތެރިޔާ އާއި އަދި އެންމެ ގިނަ ސްކޯރ ހޯދި ކުޅުންތެރިއާ ވެސް ހޮވުމަށް ވަނީ ހަމަޖެހިފައި ކަމަށް ކެރަމް އެސޯސިއޭޝަނުން ބުނެއެވެ.