މަޝްހޫރު ދީނީއިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ފަސްކޮށްފި އެވެ.

ކްރިމިނަލް ކޯޓުގެ ގާޒީ މިއަދު ވިދާޅުވީ އެ މައްސަލައިގެ ޝަރީއަތް ބުރާސްފަތި ދުވަހަށް ފަސްކުރީ މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ހާޒިރުވެވެން ނެތް ކަމަށް އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީންގެ ފަރާތުން މައުލޫމާތު ލިބިފައިވާތީ ކަމަށެވެ.

ގާޒީ ވިދާޅުވީ އަންނަ ބުރާސްފަތި ދުވަހު ބާއްވާ ޝަރީއަތުގެ މަޖިލީހުގައި އޮންނާނީ ޚުލާސާ ބަޔާން ހުށަހެޅުން ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުމަށް ފަހު ފަހުން ހުމާމް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00އާ ދެމެދުގެ ވަގުތެއްގަ އެވެ.

ތޫނު ހަތިޔާރުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ހުމާމާއި ހ. ހިކޯސްޓް އަލީ ޝާންއާ ދެ މީހުން ކަމަށް ދައުލަތުން ކުރި ދައުވާގައި ބުނެފައިވެ އެވެ.

އަލީ ޝާން ވެސް ވަނީ ދައުލަތުން ކުރި ދައުވާ އަށް އިންކާރުކޮށްފަ އެވެ. އެ މައްސަލައާ ގުޅިގެން ދައުލަތުން ހުށަހެޅި ހެކީންގެ ހެކިބަސް އަދިނަގާފައެއް ނުވެ އެވެ.

އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހެއްގެ މައްޗަށް ދައުވާ ކުރުމަށް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

އެ ހަތަރު މީހުންނަކީ ހ. ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގޭ އަބްދުﷲ ޖާވިދު 36، އާއި އޭނާގެ ބޭބެ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް،33، އެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ބަޔަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށެވެ.

ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ ބަޔާނުގައި ޑރ. އަފްރާޝީމް އަވަހާރަކޮށްލަން ރޭވި ގޮތާއި އެކަމުގެ އަޑީގައި ތިބި މީހުން ފައިސާގެ މުއާމަލާތް ކުރިގޮތް ވެސް ވަނީ ކިޔައިދީފަ އެވެ.