12 Nov 2013, 14:41
އެމްޑީޕީގެ ތިން އަހަރުގެ ވެރިކަމުގައި ރާއްޖޭގައި 42 މިސްކިތް ބިނާކޮށްފައިވާނެ ކަމަށް ވިދާޅުވެ ކުރީގެ ރައީސް އަދި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަތައް އިސްލާމިކް މިނިސްޓަރު ދޮގުކުރައްވައިފި އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ ނަޝީދުގެ ސަރުކާރުގައި ބިންގާ އަޅައި ނިމިފައި ވަނީ އެންމެ ދެ މިސްކިތް ކަމަށާއި އިސްލާމިކް މިނިސްޓްރީގެ ލިޔެކިޔުންތަކުން އެކަން އެނގޭ ކަމަށެވެ.
މިނިސްޓަރު ޝަހީމް ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަން ނިމުނު އިރު 33 އަށް ވުރެ ގިނަ މިސްކިތުގެ ބިންގާއަޅައި މަސައްކަތުގެ ބޮޑުބައި ނިމިފައިވާ ކަމަށާއި ނަޝީދުގެ ވެރިކަމުގައި އޭގެ ތެރެއިން ބައެއް މިސްކިތުގެ މަސައްކަތް ނިމި ހުޅުވާފައިވާ ކަމަށެވެ.
"އެއީ ވެލާނާގެ ހުޅުވުން ކަހަލަ ކަމެއް. ރައީސް މައުމޫންގެ ވެރިކަން ނިމިގެންދިޔަ އިރު އަޅުގަނޑު ހަނދާންވާ ގޮތުގައި 33 އަށް ވުރެ ގިނަ މިސްކިތުގެ މަސައްކަތް ފެށި ބޮޑުބައި ނިމިފައި ހުރީ. ނަޝީދުގެ ވެރިކަމުގައި އޭގެ ތެރެއިން ބައެއް މިސްކިތް ހުޅުވާފައި ވަނީ،" ޝަހީމް ވިދާޅުވި އެވެ.
ޝަހީމް ވިދާޅުވީ އިސްލާމިކް ބޭންކް ގާއިމްކޮށްފައި ވަނީ އެމްޑީޕީ ވެރިކަމުގައި ކަމަށް ވިދާޅުވެ ނަޝީދު ހައްދަވާފައި ވަނީ ވެސް އިތުރުފުޅެއް ކަމަށާއި އެކަމަކީ މައުމޫންގެ ވެރިކަމުގައި ގާސިމް އިބްރާހީމް ފިނޭންސް މިނިސްޓަރު ކަމުގައި ހުންނެވި އިރު ފެއްޓެވި މަޝްރޫއެއް ކަމަށެވެ.
މައުމޫންގެ ވެރިކަމުގައި އޮތް އިސްލާމީ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީސް އިސްލާމިކް މިނިސްޓްރީއަށް ބަދަލުކުރީ އެމްޑީޕީގެ ވިސްނުމަށް ކަމަށް ވިދާޅުވެ ނަޝީދު ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ އެއީ ވެސް އިތުރުފުޅެއް ކަމަށެވެ. އިސްލާމިކް މިނިސްޓްރީ އުފައްދާފައި ވަނީ އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ ފަރާތުން ނަޝީދުގެ ސަރުކާރުގައި އެތަކެއް ފަހަރު ދަންނަވައިގެން ކަމަށް ވެސް ޝަހީމް ވިދާޅުވި އެވެ.