ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗަށް ދޫކޮށްފައިވާ ކްރެޑިޓް ހަމަވެގެން އެސްޓީއޯ އިން އެހޮސްޕިޓަލަށް ބޭސް ދޫކުރުން ހުއްޓާލުމަށް ފަހު އަލުން އަނބުރާ ބޭސް ދޫކުރަން ފަށައިފި އެވެ.

އެސްޓީއޯގެ އެމްޑީ ޝާހިދު އަލީ މިއަދު "ސަން" އަށް ވިދާޅުވީ އައިޖީއެމްއެޗް އިން ނުދައްކައި ހުރި ފައިސާގެ އަދަދު 200 މިލިއަން ރުފިޔާ އަށް އަރައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު އަނެއްކާ ވެސް އައިޖީއެމްއެޗަށް އެސްޓީއޯ އިން ތަކެތި ދޫކުރަން ފަށާފައިވާ ކަމަށް ވިދާޅުވި އެވެ.

"ވަރަށް ގިނައިން ދިމާވާ މައްސަލައެއް އެޔަކީ، ދެން ޑރ. ހަބީބް ގުޅުއްވާފައި އައިޖީއެމްއެޗާއި އެސްޓީއޯ އާއި ވާހަކަ ދައްކައިގެން އަނެއްކާ ވެސް ގޮތެއް ހަދައި ދެނީ. މިފަހަރު ވެސް ދޫކުރަން ފަށައިފިން،" ޝަހީދު ވިދާޅުވި އެވެ.

އައިޖީއެމްއެޗްގެ ޒިންމާދާރު އިސްވެރިޔާ ޑރ. މުހައްމަދު ހަބީބު ވިދާޅުވީ އެސްޓީއޯގެ ބިލްތަކަށް ފައިސާ ދައްކާފައި ނުވާތިއްޔާއި އެ ހޮސްޕިޓަލަށް ދޫކޮށްފައިވާ ކްރެޑިޓް މިންވަރު ހަމަވެފައިވާ ކަމަށް ބުނެ އެސްޓީއޯ އިން ބޭހާއި އެފަދަ މެޑިކަލް ތަކެތި ދޫކުރުން ދޭތެރެދޭތެރެއިން ހުއްޓާލާ ކަމަށެވެ. އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާއި ކުރި މަތިވާ ކަމަށް ވެސް ވިދާޅުވި އެވެ.

އެ މައްސަލާގައި ފިނޭންސް މިނިސްޓްރީގެ ބަހެއް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފަ އެވެ. ނަމަވެސް ސަރުކާރުގެ އިސް އޮފިޝަލަކު ސަން އަށް މިއަދު ވިދާޅުވީ އެސްޓީއޯއަކީ ސަރުކާރުގެ ކުންފުންޏެއް ކަމަށާއި ސަރުކާރުން އެސްޓީއޯއާ ދޭ ތެރޭ ކޮންމެ ފަހަރަކު އަމަލު ކުރަނީ ވިޔަފާރީގެ އުސޫލުން ނޫން ކަމަށެވެ. އަދި އެ ގޮތުން އެސްޓީއޯ އިން އައިޖީއެމްއެޗަށް ގެންނަ ބޭސް ފަދަ ތަކެތި ގުދަން ކޮށްދެނީ ވެސް އައިޖީއެމްއެޗުގެ ގުދަންތަކުގައި ކަމަށެވެ.

ނަމަވެސް ސަރުކާރުގެ ގިނަ އިދާރާތަކަކުން އެސްޓީއޯ އަށް ފައިސާ ނުދައްކާތީ އެސްޓީއޯ އަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުން އަންނަ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އެ ގޮތުން މި މަސް ފެށުނު އިރު ވަނީ ސަރުކާރުން އެސްޓީއޯގެ އަތުން ގަނެފައިވާ ތެލަށް ފައިސާ ނުދެއްކުމުގެ ސަބަބުން ތެޔޮ ގެނައުމަށް ވެސް ބޮޑެތި ދަތިތަކަކާއި ކުރިމަތިވެފައިވާ ކަމަށް އެސްޓީއޯ އިން ބުނެ އެވެ. އަދި ސަރުކާރުގެ ތެލުގެ ބިލްތަކަށް ލިބެން ޖެހޭ 620 މިލިއަން ރުފިޔާ ނުލިބި މިހާރު ވެސް އެބަހުރި ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.