12 Nov 2013, 13:51
އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުން ބޭނުންކުރައްވާނީ ފުރަތަމަ ބުރުގައި ވެސް އެ ކެންޑިޑޭޓުން ބޭނުން ކުރެއްވި ނަންބަރުތައް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ސަން އަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ ދެވަނަ ބުރަށް ގޮސްފައިވާ ކެންޑިޑޭޓުންގެ ފުރަތަމަ ބުރުގައި ބޭނުންކުރި ނަންބަރުތައް ދިނުމަށް ނިންމީ ކެންޑިޑޭޓުންގެ މަންދޫބުންގެ ވެސް މަޝްވަރާތަކަށް ފަހު ކަމަށެވެ.
"ދެ ކެންޑިޑޭޓުންގެ އެޖެންޓްގެ ފަރާތުން ވެސް ބޭނުން ވަނީ އެ ކެންޑިޑޭޓުން އެއް ނަންބަރުތަކެއް ބޭނުން ކުރުމަށް. އެގޮތުގެ މަތީން އިލެކްޝަންސް ކޮމިޝަނުން ނިންމާފައި ވަނީ ފުރަތަމަ ބުރުގައި ވެސް ކެންޑިޑޭޓުން ބޭނުން ކުރި ނަންބަރުތައް ދެވަނަ ބުރުގައި ވެސް ކެންޑިޑޭޓުނަށް ދިނުމަށް،"
އެހެން ކަމުން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނަޝީދަށް ލިބިވަޑައިގެންފައި ވަނީ ހަތަރު ވަނަ ނަންބަރެވެ. އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓްގެ ކެންޑިޑޭޓް ނަންބަރަކީ ތިން ވަނަ ނަންބަރެވެ.
ފުއާދު ވިދާޅުވީ ވޯޓު ކަރުދާސްތައް މިހާރު ޕްރިންޓްކޮށް ނިމިފައިވާ ކަމަށެވެ. އަދި އަންނަ ބުރާސްފަތި ދުވަހު ރަށްތަކަށް ވޯޓު ކަރުދާސްތައް ފޮނުވަން ފަށާނެ ކަމަށް ފުއާދު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުން ބާތިލު ކުރި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ އަށް ފަހު އިލެކްޝަންސް ކޮމިޝަނުން އޭރު ނިންމާފައި ވަނީ ދެވަނަ ބުރުގައި ވާދަކުރައްވާ ކެންޑިޑޭޓުނަށް ވޯޓު ލިބިވަޑައިގެންފައިވާ ތަރުތީބުން ކެންޑިޑޭޓު ނަންބަރު ދިނުމަށެވެ. އެގޮތުން ސެޕްޓެމްބަރު ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ނަޝީދަށް ދިނުމަށް ނިންމީ ކެންޑިޑޭޓް ނަންބަރު އެކެއް އަދި ދެ ވަނަ އަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންނެވި ޔާމީނަށް ދޫކޮށްފައި ވަނީ ކެންޑިޑޭޓް ނަންބަރު ދޭކެވެ.