ސަރުކާރުގެ ހޮސްޕިޓަލް، އައިޖީއެމްއެޗަށް ދޫކޮށްފައިވާ ކްރެޑިޓް ހަމަވެގެން އެސްޓީއޯ އިން އެ ހޮސްޕިޓަލަށް ބޭސް ފަދަ ތަކެތި ދޫކުރަން ހުއްޓާލައިފި އެވެ.

އައިޖީއެމްއެޗްގެ ޒިންމާދާރު އިސް ވެރިޔާ ޑރ. މުހައްމަދު ހަބީބު ވިދާޅުވީ އެސްޓީއޯގެ ބިލްތަކަށް ފައިސާ ދައްކިފައި ނުވާތީ އެ ހޮސްޕިޓަލަށް ދޫކޮށްފައިވާ ކްރެޑިޓް މިންވަރު ހަމަވެފައިވާ ކަމަށް ބުނެ އެސްޓީއޯ އިން ބޭހާއި އެފަދަ މެޑިކަލް ތަކެތި ދޫކުރުން ހުއްޓާލާފައިވާ ކަމަށެވެ.

"ކްރެޑިޓް ހުސްވެފައިވާ ކަމަށް ވިދާޅުވެ އެސްޓީއޯ އިން މިއަދު މިވަނީ ބޭހާއި މެޑިކަލްއަށް ބޭނުންވާ ސާމާނު ދޫކުރުން ހުއްޓާލާފައި. އަޅުގަނޑުމެން ކީއްތޯ ކުރާނީ ފައިސާ ދައްކާނީ ފިނޭންސް މިނިސްޓްރީ އިން،" ޑރ. ހަބީބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކްރެޑިޓް ހުސްވެ ފައިސާ ދޫނުކުރާ މައްސަލަ ދޭތެރެދޭތެރެއިން ދިމާވާ ކަމަށާއި އެކަމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރި މަތިވާ ކަމަށެވެ. އެސްޓީއޯއަކީ ސަރުކާރުގެ ކުންފުންޏަކަށްވާ އިރު އެފަދަ ގޮތަކަށް ބޭސް ދޫކުރުން ހުއްޓާލަން ޖެހޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ޑރ. ހަބީބް ވިދާޅުވި އެވެ.

"ބޭސް ދޫކުރުން ހުއްޓާލީމާ އަޅުގަނޑު ޖެހޭނީ ކޮންމެ ފަހަރަކު އެސްޓީއޯގެ އެމްޑީ ޝާހިދު އާ ވާހަކަ ދައްކައިގެން ގޮތެއް ހޯދަން. އެއީ އަޅުގަނޑު ގަބޫލްކުރާ ގޮތެއް ނޫން. ހާއްސަކޮށް މިކަހަލަ ރައްޔިތުންގެ ފުރާނަޔާއި ގުޅުން ހުރި ކަންކަމުގައި،" ޑރ. ހަބީބް ވިދާޅުވި އެވެ.

އައިޖީއެމްއެޗް އިން އެސްޓީއޯ އަށް ނުދެއްކި ހުރި ފައިސާގެ އަދަދެއް ޑރ. ހަބީބް ވިދާޅެއްނުވި އެވެ.

އެމައްސަލާގައި ފިނޭންސް މިނިސްޓްރީގެ ބަހެއް ވެސް އަދި އެސްޓީއޯގެ ބަހެއް ވެސް މިހާތަނަށް ވަނީ ލިބޭގޮތް ނުވެފަ އެވެ.

އައިޖީއެމްއެޗްއަށް ތަކެތި ދޫކުރުން އެސްޓީއޯ އިން ހުއްޓާލާފައިވާ އިރު ސަރުކާރުގެ ގިނަ އިދާރާތަކަކުން އެސްޓީއޯ އަށް ފައިސާ ނުދައްކާތީ އެސްޓީއޯ އަށް ދަނީ ބޮޑެތި ގެއްލުންތަކެއް ވަމުންނެވެ. މި މަސް ފެށުނު އިރު ވަނީ ސަރުކާރުން އެސްޓީއޯގެ އަތުން ގަނެފައިވާ ތެލަށް ފައިސާ ނުދެއްކުމުގެ ސަބަބުން ތެޔޮ ގެނައުމަށް ވެސް ބޮޑެތި ދަތިތަކަކާ ކުރިމަތިވެފަ އެވެ. އެސްޓީއޯ އިން ބުނީ ތެލަށް ސަރުކާރުގެ ބިލްތަކަށް ލިބެންޖެހޭ 620 މިލިއަން ރުފިޔާ ނުލިބި މިހާރު ވެސް އެބަހުރި ކަމަށެވެ.