ބެޓްމޭން ބިން ސުޕަރުމޭން ތިން އަހަރު ދުވަހަށް ޖަލަށް ލުމަށް ސިންގަޕޫރުގެ ކޯޓަކުން ހުކުމްކޮށްފި އެވެ.

އާދަޔާ ހިލާފު ނަމެއްގެ ގޮތުގައި ބެޓްމޭން ބިން ސުޕަރުމޭން ނުވަތަ ސެޕަރުމޭންގެ ދަރި ބެޓްމޭންގެ ނަން ދީފައިވާ މިމީހާ ޖަލަށް ލުމަށް ހުކުމްކޮށްފައި ވަނީ ވައްކަން ކުރުމާއި އެހެން މީހެއްގެ ގެއަށް ވަގަށް ވަނުމާއި މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ކުރެވުނު ދައުވާތައް ސާބިތުވުމުން ނެވެ.

އަހަރުތަކެއް ކުރިން ސޯޝަލް މީޑިއާގައި "ބެޓްމޭން ބިން ސުޕަރުމޭން"ގެ އައިޑީ ކާޑުގެ ފޮޓޯއެއް އާއްމުވުމުން، ގިނަ ބައެއްގެ މެދުގައި މަގުބޫލުވެފައިވާ ބެޓްމޭން ބިން ސުޕަރުމޭން ހައްޔަރުކޮށްފައި ވަނީ އޮގަސްޓް މަހުގެ 19 ވަނަ ދުވަހު ދެ ފިހާރައަކުން ވައްކަންކުރި ކަމުގެ ތުހުމަތުގަ އެވެ. މިވައްކަންތައް ކުރީ ބެޓްމޭންކަން އެނގިފައި ވަނީ ސީސީޓީވީ ވީޑިއޯއިން އޭނާ ވައްކަން ކުރާ މަންޒަރު ފެންނާތީވެ ކަމަށް ސިންގަޕޫރުގެ ފުލުހުން ބުނެ އެވެ.

އޭއެފްޕީ އިން ބުނީ ސިންގަޕޫރުގެ ކޯޓު ލިޔެކިޔުންތައް ދައްކާ ގޮތުން ބެޓްމޭން ވަގަށް ނަގާފައި ވަނީ 400 އެމެރިކާ ޑޮލަރެވެ. މީގެ އިތުރުން ބެޓްމޭން އޭނާގެ ބޭބެގެ އޭޓީއެމް ކާޑެއް ވަގަށް ނަގައިގެން އޭގެން 550 އެމެރިކާ ޑޮލަރު ވަގަށް ނެގި ކަމުގެ ދައުވާއަކަށާއި މަސްތުވާތަކެތި ބޭނުންކުރި ކަމުގެ ދައުވާއަކަށް ބެޓްމޭން އިއުތިރާފްވެފައިވާ ކަމަށް އޭއެފްޕީ އިން ބުނެ އެވެ.