04 Dec 2010, 09:51
އިނގިރޭސިވިލާތުގެ ރޯޔަލް އެއާ ފޯސް (އާރުއޭއެފް) އިން އައްޑޫ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ދެ މިލިއަނެއްހާ ރުފިޔާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ނިންމައިފި އެވެ.
ސަދަން ޕްރޮވިންސް ޔުނިޓުގެ ހެލްތު ޑައިރެކްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވީ އާރުއޭއެފް އިން މަސައްކަތް ކުރަނީ ކުރިން އައްޑޫގައި މަސައްކަތްކުރި އިނގިރޭސީ ވައިގެ ސިފައިންގެ މެދުގައި ފަންޑެއް ހުޅުވައިގެން އެއްލައްކަ ޕައުންޑް (ދެ މިލިއަން ރުފިޔާ)ގެ އެހީތެރިކަން އައްޑޫ ޕްރޮވިންސްގެ ސިއްހީ ދާއިރާއަށް ފޯރުކޮށްދިނުމަށެވެ.
އޭނާ ވިދާޅުވީ ފަންޑުގެ ޓާގެޓް އަދަދު ކަމުގައިވާ އެއްލައްކަ ޕައުންޑް ހަމަވުމުން އެ ފައިސާ އައްޑޫ ސްޓޭޓް މިނިސްޓަރު މެދުވެރިކޮށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ކަމަށެވެ.
"ރާއްޖޭގައި މަސައްކަކުރި ރޯޔަލް އެއާފޯސްގެ މުވައްޒަފުން މެދުގައި ފަންޑު ރައިޒް ކުރުމުގެ ކަންތައްތައް ކުރިއަށްދަނީ. އެމީހުން ބޭނުންވާ އަދަދަށް ފައިސާ ހަމަވީމާ ސްޓޭޓް މިނިސްޓަރު މެދުވެރިކޮށް ހަވާލުކުރާނީ." ސައީދު ވިދާޅުވި އެވެ.
މި ފަންޑަށް ހާއްސަކޮށް އާރުއޭއެފް އިން ވަނީ "ރޯޔަލް އެއާފޯސް ގަން" ނަމުގައި ވެބްސައިޓެއް ވެސް ހަދައިފަ އެވެ.
ސައީދު ވިދާޅުވީ އާރުއޭއެފް އިން ބޭނުން ވަނީ އެ ފައިސާ އިން އައްޑު އަތޮޅުގެ ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުން ތަމްރީނުކުރުމަށް ހަރަދު ކުރުމަށާއި ސިއްހީ ދާއިރާގައި ބޭނުންކުރާ ވަސީލަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް ކަމަށެވެ.
އިނގިރޭސިވިލާތުގެ ރޯޔަލް އެއާފޯސް (އާރުއޭއެފް)ގެ ސިފައިން 1957 ވަނަ އަހަރުން ފެށިގެން 1976 ވަނަ އަހަރާ ހަމައަށް 19 އަހަރު އައްޑޫ ގަމުގައި ތިއްބެވެ. މިއީ އާރުއޭއެފްގެ ސިފައިން ގަމުން ފައިބައިގެން ދިޔަތާ 34 އަހަރު ވީފަހުން އައްޑު އަތޮޅަށް ހާއްސަކޮށް އެމީހުން ފޯރުކޮށްދޭ ފުރަތަމަ އެހީ އެވެ.