12 Nov 2013, 11:59
ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއްނަންބަރު ގޯލްކީޕަރު އިމްރާމް މުހައްމަދަށް އަނިޔާވެފައިވުމުން ސީޝެލްސްއާ ދެކޮޅަށް މިމަހުގެ ފަހުކޮޅުގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ތިން މެޗުގައި އޭނަ ނުކުޅޭނެ ކަމަށް ޓީމުގެ ކޯޗް އަލީ ނާޝިދު (އޮގަރު އައްޔަ) ބުނެފި އެވެ.
އެކުވެރި ކަމުގެ މެޗްތަކަށް ގައުމީ ޓީމުގެ ފަރިތަކުރުންތައް އިއްޔެ ފެށި އިރު ވެސް އިމްރާން މުހައްމަދު ޕްރެކްޓިސްއިން ފެނިފައެއް ނުވެއެވެ.
ކޯޗް އަލީ ނާޝިދު (އޮގަރު އައްޔަ) ބުނީ އިމްރާން ހުރީ އަނިޔާގައި ކަމަށާއި އެހެން ކަމުން މިއަހަރު ގައުމީ ޓީމް ކުޅޭ އެއްވެސް މެޗެއްގައި އޭނަ ނުކުޅޭނެ ކަމަށެވެ. އަދި އިމްރާނު ނެތުމުން ކީޕަރުންގެ ގޮތުގައި ޓީމުގައި ތިބޭނީ މާޒިޔާގެ ކީޕަރު މުހައްމަދު އިމްރާއި ބީޖީގެ ކީޕަރު އިބްރާހީމް އިފްރާހު އަރީފާއި ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް ކަމަށް ކޯޗް ބުންޏެވެ.
"އެކުވެރި ކަމުގެ މެޗްތަކުގައި އިމްރާން ނުކުލޭނެ. އޭނަ ހުރީ އަނިޔާގައި. އެކަމަކު އަންނަ އަހަރުގެ ޗެލެންޖް ކަޕަށް އޭނަ ފިޓްވޭތޯ މިބަލަނީ،" އައްޔަ ބުންޏެވެ.
ރާއްޖޭގެ އެއްވަނަ ކީޕަރު އިމްރާނު ވަނީ މި އަހަރުގެ ފުޓްބޯޅަ ސީޒަނުގެ ހުރިހާ ތައްޓެއް ހުރިހާ މެޗަކުން މޮޅުވެގެން ކެޕްޓަނެއްގެ ގޮތުން ނިއު ރޭޑިއަންޓަށް ހޯދައިދީފަ އެވެ. އަދި އޭނާ ވަނީ އޭއެފްސީ ކަޕާއި ސާފް ޗެމްޕިއަންޝިޕުގައި ވެސް ކުޅެފަ އެވެ.
ސީޝެލްސްގައި ކުޅެން ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ކުޅޭނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެއެވެ. އަދި އަނެއް ދެ މެޗު ކުޅޭނީ ސީނިއާ ޓީމާ ދެކޮޅަށެވެ. އެ ދެމެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 27 އަދި 29 ވަނަ ދުވަހު އެވެ.
ސީޝެލްސްއާ އެކު މެޗުތައް ކުޅުމަށް ގައުމީ ޓީމް އެގައުމަށް ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި މެޗުތައް ކުޅުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ރާއްޖެއާއި ސީޝެލްސް ވާދަކޮށްފައިވާއިރު އޭގެ ތެރެއިން ދެފަހަރު ރާއްޖެ ވަނީ ސީޝެލްސްގެ މައްޗަށް ކުރި ހޯދާފަ އެވެ. އެގޮތުން ރާއްޖޭގައި މި ދެޓީމު ވާދަކުރި ދެމެޗުން އެއް މެޗު 3-0 އިން އަދި އަނެއް މެޗު 2-1 އިން ރާއްޖެ ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްސްއިން ރާއްޖެ މައްޗަށް ކުރިހޯދީ 5-1 އިންނެވެ.