12 Nov 2013, 11:56
އަންނަ ހަފްތާގެ ހޯމަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ 38 ވަނަ ގައުމީ ފެތުމުގެ މުބާރާތުގެ އޯޕަން ކެޓަގަރީގައި 94 ފެތުންތެރިންނާއި ޓީމު އިވެންޓްގައި 10 ޓީމު ބައިވެރިވެއްޖެ އެވެ.
ސްވިމިން އެސޯސިއޭޝަންގެ އިސް އޮފިޝަލަކު ވިދާޅުވީ ފަސް ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ މިމުބާރާތުގެ އޯޕަން ކެޓަގަރީގައި 94 ފެތުންތެރިން ބައިވެރިވާއިރު އޭގެ ތެރޭގައި ހިމެނެނީ 12 އަހަރުން ދަށާއި 14 އަހަރުން ދަށް އަދި 14 އަހަރުން މަތީގެ ފެތުން ތެރިން ކަމަށެވެ. އަދި މުބާރާތުގައި ވާދަކުރާ ޓީމްތަކުގައި ހިމެނޭ އަންހެން ފަސް ޓީމާއި ފިރިހެން ފަސް ޓީމު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މުބާރާތުގައި ވާދަކުރާ ޓީމްތަކުން ބައިވެރިވެފައި ވަނީ ކޮންމެ ޓީމަކުން ވެސް ތިން ފެތުންތެރިން ކަމަށް ސްވިމިން އެސޯސިއޭޝަނުން ބުނެ އެވެ.
މުބާރާތުގެ ޗެމްޕިއަންޓީމަށް ދިހަ ހާސް ރުފިޔާގެ ފައިސާގެ އިނާމް ހުށައެޅިފައިވާއިރު ދެ ވަނަ ޓީމަށް ހަތް ހާސް ރުފިޔާ އަދި ތިން ވަނަ ޓީމަށް ފަސް ހާސް ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފަ އެވެ.