ގާނޫނު އަސާސީ ނަގަހައްޓަން ތިއްބެވި ފަރާތްތަކުން އެއަށް އިޙްތިރާމް ނުކުރާ ނަމަ ގާނޫނު އަސާސީގައި ވެސް އަދި އޭގެ ދަށުން ހަދާދައިވާ އެއްވެސް ގާނޫނެއްގެ ބުރަދަނެއް ނުހުންނާނެ ކަމަށާއި ގާނޫނު އަސާސީ އަށް އިހްތިރާމް ކުރުމަށް މޯލްޑިވްސް ބާ އެސޯސިއޭޝަން އިން ބުނެފި އެވެ.

ބާ އެސޯސިއޭޝަން އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ ގާނޫނު އަސާސީގެ ދަށުން އުފައްދާފައިވާ އެންމެހައި މިނިވަން މުއައްސަސާތަކާއި ސަރުކާރުގެ ވުޒާރާތަކުން އަދި ވަކިވަކި މަގާމުތަކުގައި ތިބޭ މީހުން ގާނޫނު އަސާސީގައި ވަކިކަމެއް ވަކިގޮތަކަށް ކުރުމަށް ލާޒިމްކޮށްފައިވާ ނަމަ އެކަމެއް ކުރަން ޖެހޭނެ ކަމަށެވެ. އެހެން ނޫން ނަމަ ދުސްތޫރީ ބާރުވެރިކަން ނެތިގެން ހިނގައިދާނެ ކަމަށް ބާ އެސޯސިއޭޝަންގެ ބަޔާނުގައި ބުނެފައިވެ އެވެ.

"ގާނޫނުގެ ބުރަދަން ނަގަހައްޓަން ތިއްބެވި ފަރާތްތަކުން ދިވެހި ރައްޔިތުންގެ ކުރިމަތީގައި އެއަށް އިޙްތިރާމް ނުކުރާ ނަމަ 2008 ވަނަ އަހަރު ފާސްކުރެވުނު ގާނޫނު އަސާސީ ވެސް ނުވަތަ އޭގެ ދަށުން ހަދާފައިވާ އެއްވެސް ގާނޫނެއްގެ އެއްވެސް ބުރަދަނެއް ނުހުންނާނެ އެވެ،" ބަޔާނުގައި ބުނެފައިވެ އެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދައުރާ ބެހޭ ގޮތުން ބަޔާނުގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރީއްޔާގެ ދައުރަކީ ފަސް އަހަރު ދުވަސް ކަމަށް ގާނޫނު އަސާސީގެ 107 ވަނަ މާއްދާގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން އެ މާއްދާ އަށް އިސްލާޙް ނުގެނެސް ރައީސުލްޖުމްހޫރީއްޔާ ކަމުގެ ދައުރުގެ މުއްދަތު އިތުރު ކުރެވޭނެ އެއް ވެސް ގާނޫނީ ހަމައެއް ނޯންނާނެ ކަމަށެވެ. އެހެންކަމުން ގާނޫނު އަސާސީ އާ ހިލާފަށް އެއްވެސް ފަރާތަކުން ނިންމާ ނިންމުމަކީ ނުވަތަ ޢަމަލު ކުރާ ގޮތަކީ އޭގެ ޒާތުގައި ބާތިލު ނިންމުމެއް ކަމަށް ގާނޫނު އަސާސީގެ 268 ވަނަ މާއްދާގައި ބުނެފައިވާ ކަން އެ ޖަމްއީއްޔާގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.