ސްޕެނިޝް ލީގުގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ ރެއާލް ބެޓިސް އަތުން 4-1 އިން ބާސެލޯނާ މޮޅުވި މެޗުގައި ބާސާގެ ހުނަރުވެރި ފޯވާޑް ލިއޮނަލް މެސީގެ ފައިގެ ފަލަމަސްގަނޑުން ބަޔެއް އިރައިގެން ދިއުމުން ދެ މަސް ދުވަހަށް ކުޅުމާ ދުރުގައި ހުންނަން ޖެހިއްޖެ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި މެސީގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

އުމުރުން 26 އަހަރުގެ މެސީ އަށް އަނިޔާވެ ކުޅުމާ ދުރައްދާން ޖެހުމުން ބާސާ އިން ނެރުނު ކުރު ބަޔާނެއްގައި ބުނެފައި ވަނީ، އެ އަނިޔާ އިން ސަލާމަތް ވުމަށް ކުރިއަށް އޮތް ހަ ހަފުތާ އާއި އަށް ހަފުތާއާ ދެމެދުގެ މުއްދަތަކަށް މެސީ ރެސްޓު ކުރަން ޖެހޭ ކަމަށާއި އެހެން ކަމުން ބާސާ ކުރިއަށް ކުޅެން ހުރި މުހިންމު މެޗްތަކުގެ ތެރެއިން ޖުމްލަ އަށް މެޗެއްގައި މެސީ އަށް ނުކުޅެވޭނެ ކަމަށެވެ.

ސްޕެއިން ލީގުގެ ގަދަ ފަހަކަށް ބަލާ އިރު ތާވަލްގެ އެއްވަނައިގައި ބާސާ އަދި ދެވަނައިގައި އެތުލެޓީކޯ އޮތް އިރު ތާވަލްގެ ތިން ވަނައިގައި 31 ޕޮއިންޓާ އެކު އޮތީ ރެއާލް މެޑްރިޑް އެވެ. ހަތަރު ވަނައިގައި 24 ޕޮއިންޓާ އެކު ވިލަރެއާލް އޮތްއިރު 23 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮތީ ބިލްބާއޯ އެވެ.