12 Nov 2013, 11:04
ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ސޮއިކުރާ ވޯޓާސް ލިސްޓުގައި ސޮއިކުރާނީ މިމަހުގެ 14 ވާ ބުރާސްފަތި އަދި 15 ވާ ހުކުރު ދުވަހު ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
އިންތިހާބުގެ ދެވަނަ ބުރަށް އެކޮމިޝަނުން ނެރެފައިވާ ޓައިމްލައިންގައި ބުނެފައި ވަނީ މިމަހުގެ 16 ވަނަ ދުވަހުގެ އިންތިހާބަށް ތައްޔާރުވަމުންދާ އިރު، މިއަދު ކުރިއަށްދާނީ ލިސްޓާ މެދު ހުށަހެޅިފައިވާ ޝަކުވާތައް ބެލުމަށް ފަހު، ޝަކުވާތައް ރަނގަޅުކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މިއަދުގެ ނިޔަލަށް ލިސްޓް އެއްކޮށް ފައިނަލްކުރެވޭނެ ކަމަށް އެޓައިމްލައިންގައި ބުނެފައިވެ އެވެ.
ދެވަނަ ބުރަށް ރީ-ރަޖިސްޓްރޭޝަނަށް އިލެކްޝަންސް އިން ހުޅުވާލާފައި ވަނީ މިމަހުގެ 10 ވަނަ ދުވަހު އެވެ. އޭގެ ފަހުން 11 ވަނަ ދުވަހު ވެސް ރީ ރަޖިސްޓާ ކުރުމުގެ މުއްދަތު އިތުރުކުރުމަށް ފަހު، ރީ-ރަޖިސްޓްރޭޝަން ފޯމުތައް ޕްރޮސެސްކޮށް ނިންމާފައި ވަނީ އިއްޔެ އެވެ.
މިދިޔަ ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 70،000 އަށް ވުރެ ގިނަ މީހުން ވަނީ ރީ-ރަޖިސްޓްރީ ކޮށްފަ އެވެ. ނަމަވެސް ދެވަނަ ބުރަށް ރީ-ރަޖިސްޓާކޮށްފައިވާ އަދަދެއް އަދި އިލެކްޝަންސް ކޮމިޝަނަކުން ހާމައެއް ނުކުރައްވަ އެވެ.
އެކޮމިޝަންގެ ސެކެޓްރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ ރޭ ދަންވަރު ފޯމުތައް ޕްރޮސެސްކޮށް ނިންމާފައިވާ ކަމަށެވެ.