އިސްތަންބޫލް (ނޮވެމްބަރު 12): ސޫރިޔާގެ މައްސަލަ ޙައްލުކުރުމުގެ ގޮތުން ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސުލްހައިގެ މަހާސިންތާގައި ޝަރުތުތަކަކާ އެކު ބައިވެރިވުމަށް އެގައުމުގެ އިދިކޮޅު އިއްތިޙާދުން ނިންމައިފި އެވެ.
މި މަހާސިންތާގައި ބައިވެރިވުމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ޓަކައި ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން ތުރުކީގައި ބޭއްވި ބައްދަލުވުމެއްގައި ނިންމާފައި ވަނީ ސޫރިޔާގެ ވެރިކަން އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމުގެ މައްސަލަ އާބެހޭ ގޮތުން މަޝްވަރާކުރާ ނަމަ ސުލްޙައިގެ މަހާސިންތާގައި ބައިވެރިވުމަށެވެ. މީގެ އިތުރުން ސޫރިޔާގެ ޖަލުތަކުގައިވާ އިދިކޮޅު އިއްތިޙާދަށް ނިސްބަތްވާ ކުޑަކުދިންނާއި އަންހެނުން މިނިވަންކުރުން ވެސް ސުލްޙައިގެ މަހާސިންތާގައި ބައިވެރިވުމުގެ ޝަރުތެއްގެ ގޮތުގައި އިދިކޮޅު އިއްތިޙާދުން ކަނޑައަޅާފައިވެ އެވެ. ސޫރިޔާ ސަރުކާރުން ވަނީ އެގައުމުގެ ވެރިކަން އިންތިގާލީ ސަރުކާރަކާ ހަވާލުކުރުމުގެ މައްސަލަ އާބެހޭ ގޮތުން އެއްވެސް ވަރަކަށް މަޝްވަރާ ނުކުރާނެ ކަމަށް ބުނެފަ އެވެ.
ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސޫރިޔާގެ ސުލްހައިގެ މަހާސިންތާ ފަސްވެފައިވާ އިރު މި މަހާސިންތާ ބާއްވާނެ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެ އެވެ. އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީ ވަނީ ސުލްހައިގެ މަހާސިންތާގައި ބައިވެރިވުމަށް ސޫރިޔާގެ އިދިކޮޅު އިއްތިޙާދުން ނިންމި ނިންމުމަށް މަރްޙަބާ ވިދާޅުވާކަން ހާމަކުރައްވާފަ އެވެ. އަދި އެކަމަށް އެއިއްތިޙާދުން ކުރިމަތިކުރި ޝަރުތުތަކަށް ވެސް އެމެރިކާ ތާއީދުކުރާ ކަމަށް ކެރީ ވިދާޅުވެފައިވެ އެވެ.

އަނެއްކޮޅުން ސޫރިޔާގައި ހިނގަމުންދާ ދާޚިލީ ހަނގުރާމައިގެ ޙަމަލާއެއް ދިމިޝްޤުގެ ސްކޫލަކަށް އިއްޔެ އެރުމުގެ ސަބަބުން 5 ދަރިވަރަކު މަރުވެ ގިނައަދަދެއްގެ ދަރިވަރުން ޒަޚަމްވެއްޖެކަން ސޫރިޔާގެ އިދިކޮޅު އެކްޓިވިސްޓުން ވަނީ ހާމަކޮށްފަ އެވެ. ދިމިޝްޤުގެ މެދުތެރޭގައިވާ ސްކޫލަކަށް އަރާފައި ވަނީ މޯޓަރު ބަޑީގެ ޙަމަލާއެއް ކަމަށާ މިޙަމަލާ ދިނީ ސޫރިޔާ ސިފައިން ކަމަށްވެސް އިދިކޮޅު އެކްޓިވިސްޓުން ބުނެ އެވެ.

ނަމަވެސް ސޫރިޔާގެ ރަސްމީ ނޫސްއެޖެންސީ (ސާނާ) އިންވަނީ ދިމިޝްގެ މެދުތެރޭގައިވާ އަވަށްތަކަށް އިދިކޮޅު ހަނގުރާމަވެރިންގެ މޯޓަރު ބަޑީގެ ހަމަލާތަކެއް އަރާފައިވާކަމަށާ އެޙަމަލާތަކުގައި 16 މީހަކު ޒަޚަމްވިކަމަށް ބުނެފަ އެވެ. ޙަމަލާތައް އެރި ތަންތަނުގެ ތެރޭގައި ސްކޫލަކާއި ފަސިންޖަރު ބަހެއް ހިމެނޭކަމަށް ވެސް ސާނާ ބުނެ އެވެ.(ނޫސްއެޖެންސީތައް)