މިމަހުގެ 16 ވަނަ ދުވަހު ބާއްވާ މިއަހަރުގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަށް ތައްޔާރުވަމުން ދާއިރު ހަމަނުޖެހުމުން ދުރުހެލިވެ ތިބުމަކީ މުހިއްމު ކަމެއް ކަމަށް އެމެރިކާއިން ބުނެފި އެވެ.

އެމެރިކާ ގެ ސްޓޭޓް ޑިޕާޓްމަންޓްގެ ސްޕޯކްސް ޕާސަން ޖެން ސާކީ އިއްޔެ ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައި ވަނީ ދިވެހި ރައްޔިތުންގެ އިންސާނީ ހައްގަށް ފުލުހުންނާއި ސިފައިން އިހުތިރާމްކުރުމަކީ މުހިއްމު ކަމެއް ކަމަށެވެ.

" ނޮވެމްބަރު 16 ގައި އޮންނަ ވޯޓްގެ ދެވަނަ ބުރަށް ދާއިރު ހަމަނުޖެހުން ހިންގުމުން ދުރުހެލިވުމަކީ މުހިއްމު ކަމެކެވެ. އަދި ކެތްތެރިކަން ދައްކައި ، ރާއްޖޭގެ ރައްޔިތުންގެ އިންސާނީ ހައްގުތަކަށް ސިފައިންނާއި ފުލުހުން އިހުތިރާމްކުރުން މުހިއްމެވެ،" ބަޔާނުގައި ވެއެވެ.

ޖެން ސާކީ އަދި ވިދާޅުވެފައި ވަނީ އާރައީސެއް އިންތިހާބުކޮށް ހުވާކުރުމަށް ޓަކައި "ޑިމޮކްރެޓިކް ޕްރޮސެސް"އަށް އެހީތެރިވުމުގެ ގޮތުން މިނިވަން އިންސާފުވެރި، ދެފުށް ފެންނަ ރަންއޯފް އިންތިހާބެއް އަވަހަށް ބާއްވަން ޖެހޭ ކަމަށެވެ.

ރައީސް ކަމުގެ ދައުރު ހަމަވުމަށް ފަހުގައި ވެސް އެމަގާމު ދޫކޮށް ނުލައްވަން ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ނިންމެވުމުން ޖެންސާކީ ވަނީ ފާޑުވިދާޅުވެފަ އެވެ.

" ކުރިން އެއްވެސް ބޭފުޅަކު އަމަލުކުރައްވާފައި ނުވާ ގޮތަކަށް، ރައީސް ވަހީދު ކުރިން ހުންނެވި ރައީސް ކަމުގެ މަގާމުގައި ދެމިހުންނަވަން ނިންމެވި ނިންމެވުމާ މެދު އެމެރިކާ ސަރުކާރު އޮތީ ވަރަށް ކަންބޮޑުވެފަ އެވެ. ރާއްޖޭގެ ރައްޔިތުން ވޯޓުލައި އެމީހުންގެ ލީޑަރު އިންތިހާބު ކުރުމުގެ ހައްގަށް އެއަމަލުފުޅުގެ ސަބަބުން ވަނީ ނުރައްކާ ވެފައެވެ، " އެމެރިކާގެ ބަޔާނުގައި ވެއެވެ.