12 Nov 2013, 10:05
މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ގައުމީ ޓީމްގެ ސްކޮޑްގައި ހިމެނުނު މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަލީ އުމަރާއި މުހައްމަދު ރަޝީދު (ހޮކޭ)، ސީޝެލްސްއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ ތިން މެޗުގައި ނުކުޅޭނެ ކަމަށް ގައުމީ ޓީމުގެ ވަގުތީ ކޯޗުކަމުގައި ހުރި އެސިސްޓެންޓް ކޯޗް އަލީ ނާޝިދު (އޮގަރު އައްޔަ) ބުނެފި އެވެ.
ގައުމީ ޓީމްގެ ފަރިތަކުރުންތައް އިއްޔެ ފަށާފައިވާޢިރު އައްޔަ "ސަން"އަށް ބުނީ އެ ދެކުޅުން ތެރިން މިފަހަރުގެ ސްކޮޑްގައި ނުހިމެނުމަށް ނިންމީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީގެ ނިންމުމަށް އިހްތިރާމްކުރުމުގެ ގޮތުން ކަމަށެވެ.
"ހޮކޭ އާއި އަލީ އުމަރަށް ސާފް ޗެމްޕިއަންޝިޕްގައި އައިސްފައިވާ ސަސްޕެންޝަނެއްގެ ސަބަބުން އެފްއޭއެމްއިމް އެކުޅުންތެރިންނާ ދޭތެރޭގައި ނަގާފައިވާ ޑިސިޕްލިނަރީ އެކްޝަނެއް މިއީ. އެހެން ކަމުން މި މެޗުތަކުގައި އެ ދެކުޅުންތެރިން ބައިވެރިއެއް ނުވާނެ،" ކޯޗު ބުންޏެވެ. " އެކަމަކު އެއީ މި މެޗަށް އޭގެ ކުޅުންތެރިއެއް ސަސްޕެންޑް ވެގެނެއް ނޫން. ޑިސިޕްލިނަރީ ކޮމިޓީން އެގޮތަށް ނިންމާފައިވާތީ އެއަށް އޮނާ ކުރުމުގެ ގޮތުން އަޅުގަނޑުމެން އެގޮތަށް ނިންމީ."
މިއަހަރުގެ ސެޕްޓެމްބަރު މަހު ނޭޕާލްގައި އޮތް ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލްގައި އިންޑިއާއާ ވާދަކޮށް 1-0 އިން ރާއްޖެ ބަލިވި މެޗުގައި ރެފްރީގެ ބައެއް ނިންމުންތަކާ ދެކޮޅަށް މެޗު ނިމުނުފަހުން ރާއްޖޭގެ ކުޅުންތެރިން ހިތްހަމަ ނުޖެހުން ފާޅު ކުރުމުން އެ މެޗުގެ ރެފްރީ ވަނީ، ހޮކޭ އާއި އަލީ އުމަރަށް ރަތްކާޑު ދައްކާފަ އެވެ. އެގޮތުން އެ ދެކުޅުންތެރިން ވެސް ވަނީ ބައިނަލްއަގްވާމީ ތިންމެޗަށް ސަސްޕެންޑް ކޮށްފަ އެވެ.
"އަޅުގަނޑުމެން މިހާރު މިގެންދަނީ ޗެލެންޖް ކަޕަށް ތައްޔާރުވަމުން. އެހެން ކަމުން މި ތިން މެޗުގައި ނުކުޅުނު ކަމުގައިވީ ނަމަވެސް ސީޝެލްސްއިން އެނބުރި އައުމުން ހޮކޭ ޓީމާ ޖޮއިން ކުރާނެ،" އައްޔަ ބުންޏެވެ.
އައްޔަ ބުނީ ގައުމީ ޓީމުގެ ސްކޮޑަށް މާކަބޮޑު ބަދަލުތަކެއް ނާންނާނެ ކަމަށާއި އެހެން ނަމަވެސް ޑިސިޕްލިނަރީ މައްސަލައެއްގައި ކަމަށް ބުނެ މިފަހަރުގެ ސާފްޗެމްޕިއަންޝިޕްގައި ގައުމީ ޓީމްގެ ކުރީގެ ކޯޗު އިސްތަވާން އުރުބާނީ ސްކޮޑުން ބާކީ ކުރި ތަޖްރިބާކާރު މިޑްފީލްޑަރު އަޝްހަދު އަލީ (އަޑުބަރޭ) މިފަހަރުގެ ޓީމަށް ނަގާފައިވާ ކަމަށެވެ.
"ޓީމަށް އެހާ ބޮޑު ބަދަކުތަކެއް ނުގެންނާނަން. އެކަމަކު އަޑުބަރޭ މިހާރު މިވަނީ ޓީމާއެކު ޕްރެކްޓިސް ފަށާފައި. ދެން އަހްމަދު ނާޝިދު [ނާއްޓޭ]ގެ އަމިއްލަ ސަބަބު ތަކަކަށްޓަކައި އޭނާއަށް ޓީމާއެކު ދެވެން ނެތީ،" އައްޔަ ބުންޏެވެ.
ސީޝެލްސްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ކުޅޭނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމާއެވެ. އަދި އަނެއް ދެ މެޗު ކުޅޭނީ ސީނިއާ ޓީމާ ދެކޮޅަށެވެ. އެ ދެމެޗު ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހާއި 29 ވަނަ ދުވަހު އެވެ.
އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ގައުމީ ޓީމް ސީޝެލްސްއަށް ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި މެޗުތައް ކުޅުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.