ރަށްވެހިވެފައިވާ ރަށް ނޫން އެހެން ތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ފޯމްތަކާ ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަން އިން މިއަދު ބުނީ ރީ ރަޖިސްޓްރީކޮފައިވާ ފަރާތްތަކުގެ ތެރެއިން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުގެ މެންދުރު 12:00 ޖަހަންދެން ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ރީ ރަޖިސްޓްރީކޮށްފައި ވަނީ އެދުނު ރަށުގައިތޯ އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުންނާއި 1414 ގުޅައިގެން ނުވަތަ އެސްއެމްއެސް ކޮށްގެން ވެސް ޗެކް ކުރެވޭނެ ކަމަށެވެ.

އެކޮމިޝަނުން ބުނީ ޝަކުވާ ހުށައަޅަން ޖެހޭނީ "ޝަކުވާ ހުށައަޅާ ފޯމް" އިން ކަމަށެވެ. އެފޯމް އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުން ލިބެ އެވެ. އަދި އެފޯމް އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނާއި ރިޔާސީ އިންތިހާބުގެ ރަޖިސްޓުރޭޝަން މައި މަރުކަޒުން އަދި ހުރިހާ ރަށެއްގެ ރަށު ކައުންސިލް އިދާރާތަކަށް ހުށައެޅޭނެ ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުމަށް ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. އެއިންތިހާބުގައި ވާދަކުރައް ވާނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް މުހައްމަދު ނަޝީދު އާއި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުއްﷲ ޔާމީން އެވެ.