ގުއަންޓަނާމޯބޭ (ގިޓްމޯ ބޭ) ޖަލުން ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އެއްބަސްވި ގައިދީ ރާއްޖެ ބަދަލުކޮށް ނިމެންދެން އެކަމާ ގުޅޭ މައުލޫމާތު "ސިއްރުކުރުމަށް" އެމެރިކާ އިން ބުނެފައިވާ ކަން ވިލީކީލްސް އިން ހާމަވެއްޖެ އެވެ.


ގިޓްމޯ ގައިދީން ކާމިޔާބުކަމާ އެކު ރާއްޖެ ބަދަލުކުރަންދެން އެކަން ސިއްރުކުރުމަށް އެމެރިކާ އިން އެދިފައި ވަނީ، ރާއްޖެ އިން އދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ ސަފީރު އަބްދުލް ޣަފޫރު މުހައްމަދާ އެކު ރައީސް ބަރަކް އޮބާމާގެ ޚާއްސަ މަންދޫބު ޑެނިއަލް ފްރައިޑް، މި އަހަރުގެ ކުރީކޮޅު ވޮޝިންޓަންގައި ބޭއްވި ބައްދަލުވުމެއްގައި ކަން ވިކި ލީކްސް އިން އެނގެ އެވެ.


ވިކިލީކްސްގައި އާންމު ކުރި ލިއުންތައް އިނގިރޭސިވިލާތުގެ ގާޑިއަން ނޫހުގެ ވެބްސައިޓުގައި އިއްޔެ ވަނީ ޝާއިއުކޮށްފަ އެވެ.


އެ ބައްދަލުވުމާ ހަވާލާދީ އެ ސައިޓްގައި ޝާއިއުކޮށްފައިވާ "ކްލެސިފައިޑް ޑޮކިއުމެންޓް" ނުވަތަ ސިއްރު ކަރުދާހުގެ ކޮޕީތަކަށް ބަލާއިރު، ގިޓްމޯ ގައިދީ ރާއްޖެ ގެންނައުމަށްޓަކައި އަވަހަށް މަސައްކަތް ކުރުމަށް ރާއްޖެ ތައްޔާރަށް އޮތް ކަމަށް ޣަފޫރު ވަނީ، ގިޓްމޯ ޖަލުން ގައިދީން ބަދަލުކުރުމުގެ މަސައްކަތް އޮބާމާ ހަވާލުކުރައްވާފައިވާ، ފްރައިޑްގެ އަރިހުގައި ވިދާޅުވެފަ އެވެ.


އަދި ގިޓްމޯ ގައިދީ ޓްރާންސްފާ ކުރުމަށްޓަކައި އިދާރީ ގޮތުން ދެ ގައުމުގެ މެދުގައި ނިންމަން ޖެހޭ ކަންކަމާ ގުޅޭ ގޮތުން ދެ ބޭފުޅުންގެ މެދުގައި މަޝްވަރާކުރެއްވި އިރު، އެކަން ސިއްރުކޮށްފައި ބޭއްވުމަށް ޣަފޫރު އަރިހުގައި ފްރައިޑް ވިދާޅުވި ކަމަށް ލީކުކޮށްލާފައިވާ އެ ކަރުދާހުގައިވެ އެވެ.


"ފްރައިޑް ވިދާޅުވީ އަޅުގަނޑުމެން އެ މައުލޫމާތު [ގިޓްމޯ ގައިދީ ޓްރާންސްފާ ކުރުމާ ބެހޭ މައުލޫމާތު] ވަރަށް ގާތުން ހިފަހައްޓާފައި [ސިއްރުކޮށްފައި] ބާއްވާނީ ގައިދީން ޓްރާންސްފާކޮށް [ބަދަލުކޮށް] ނިމެންދެން،" ފެބްރުއަރީ 23، 2010ގައި ބޭއްވި އެ ބައްދަލުވުމުގެ ޚުލާސާގައިވެ އެވެ.


ނަމަވެސް، އެ މައުލޫމާތު ސިއްރުކުރަނީ ކޮން ސަބަބަކާ ހުރެ، އަދި ކޮން ބަޔަކަށް ކަމެއް އެ ކަރުދާހަކުން ނޭނގެ އެވެ.


އެ ކަރުދާހަށް ބަލާއިރު، އެ ގައިދީ ރާއްޖެ ބަދަލުކުރުމުގެ ޚަރަދަށް 85،000 ޑޮލަރު [ރަސްމީ ރޭޓުން 1.09 މިލިއަން ރުފިޔާ]، އެމެރިކާ ސަރުކާރުން ރާއްޖެ އަށް ފްރައިޑް ހުށަހެޅުއްވި ކަން ސާބިތުވެ އެވެ.


އަދި އެ ގައިދީގެ ކަންކަމާ ގުޅޭ ގޮތުން "ޕްރެސް މަސާޖް" ކުރުމަށް ނުވަތަ މީޑިއާގައި އެ ވާހަކަ ހަމަޔަކަށް އެޅުވުމަށް ދިވެހި ސަރުކާރުން އެމެރިކާގެ އެހީތެރިކަން ބޭނުންވާ ނަމަ، ފްރައިޑް ޚުދު އިންޓަވިއުދެއްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.


ނަމަވެސް، ގައިދީ ބަދަލުކުރުމުގެ މައުލޫމާތު ސިއްރުކުރަން އެމެރިކާ އިން އެ ބައްދަލުވުމުގައި ހުށަހެޅި އިރުވެސް، ގިޓްމޯގެ ދެ ތިން ގައިދީ އަކު ރާއްޖެ ގެންނާނެ ކަމަށް، ޑިސެމްބަރު 11، 2009ގައި ރައީސް ނަޝީދު ދެއްވި ރޭޑިއޯ ތަގުރީގުގައި އިޝާރާތްކުރެއްވުމުން، މީޑިއާގައި އެ ޚަބަރު ވަނީ ފެތުރިގެން ގޮސްފަ އެވެ. 


މީގެ އިތުރުން މި އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހުގެ ތެރޭގައި އެ މައްސަލަ އިތުރަށް ހޫނުވެ، އިދިކޮޅު ފަރާތްތަކުން ވަނީ އެކަމަށް ހުރަސް ކުރިމަތިކޮށް، ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތުގެ ރުހުން ލިބިގެން ނޫނީ ގިޓްމޯ ގައިދީއަކު ރާއްޖެ ނުގެނޭވެ ގޮތަށް މަޖިލީހުން ގަރާރެއް ވެސް ފާސްކޮށްފަ އެވެ. އަދި އެ މައްސަލަ ވަނީ ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.


އެހެންނަމަވެސް ސަރުކާރުން އަދިވެސް ބުނަމުން އަންނަނީ އެ ގައިދީ ރާއްޖެ ގެންނާނެ ކަމަށެވެ.


"އޭނަ [ގިޓްމޯ ގައިދީ] ވެސް ހުރީ [ރާއްޖެ] އަންނަން ތައްޔާރަށް. ދެން ސަރުކާރުން ވެސް ބަލަމުން މިދަނީ އެކަމަކީ ކުރެވިދާނެ ކަމެއް ކަމުގައި... އެ އިންތިޒާމުތައް ނިމެމުން އެ ދަނީ،" ފޮރިން މިނިސްޓަރަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ލިބިފައިނުވާ ޑރ. އަހްމަދު ޝަހީދު ސަން އޮންލައިން އަށް މިދިޔަ އަންގާރަ ދުވަހު ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި އެވެ.


އެ ގައިދީ ރާއްޖެ ގެނައުމަށް ދިވެހި ސަރުކާރުން އެއްބަސްވެފައި ވަނީ އެމެރިކާ އިން ރާއްޖެ އަށް ފައިސާގެ އެހީ ދޭން އެއްބަސްވުމުންނާއި އަދި އިންޓަނޭޝަނަލް މަނިޓަރީ ފަންޑް(އައިއެމްއެފް) މެދުވެރިކޮށް ރާއްޖެ އަށް އެހީ ހޯދައިދޭން އެމެރިކާ އިން މަސައްކަތްކުރާ ގޮތަށް އެއްބަސްވެގެން ކަމަށް ވިކި ލީކުން އާއްމުކުރި އެހެން ސިއްރު ލިޔެކިޔުންތަކުން ވަނީ ހާމަވެފަ އެވެ.