މާލޭގެ މަޝްހޫރު 80 ނަމްބަރު ފިހާރަ ފަޅާލައި އެތަނުން ވައްކަން ކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ސަން އަށް މައުލޫމާތު ދެމުން ބުނީ 80 ނަމްބަރުގައި އެފަދަ ހާދިސާއެއް ހިނގައިގެން ރިޕޯޓްކުރުމުން، ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

ފިހާރައިގެ ފަރާތުން މައުލޫމާތު ދިން ބޭފުޅެއް ކަމަށްވާ މުހައްމަދު މުނައްވަރު ވިދާޅުވީ ފިހާރަ ފަޅާލާފައި ވަނީ ރޭ ފަތިސް ނަމާދުގެ ކުރިން ކަމަށެވެ.

ފިހާރައިގެ މައި ދޮރު ފަޅާލައިގެން ވަދެ، ގެންގޮސްފައި ވަނީ ކައުންޓަރުގައި ހުރި 1500 އެއްހާ ރުފިޔާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. މީގެ އިތުރުން ބައެއް ކޮސްމެޓިކް ސާމާނު ގެންދިޔަ ނަމަވެސް، މާ ބައިވަރު މުދާތަކެއް ގެންގޮސްފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުންނަށް މިމައްސަލަ ރިޕޯޓްކުރުމުން، ފޮރެންސިކް ޓީމެއް އައިސް ފިހާރަ ބަލާފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.