12 Nov 2013, 09:41
ލަންޑަން (ނޮވެމްބަރު 12): އީރާނާ އެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކޮށްފިކަން އިނގިރޭސިވިލާތުން އިޢްލާންކޮށްފި އެވެ.
އިނގިރޭސި ޚާރިޖީ ވުޒާރާއިން އިއްޔެ ބުނީ އިނގިރޭސި ސަރުކާރުން އީރާނާއެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކޮށް އީރާނުގައި ހުންނަވާ އިނގިރޭސި ޝާޒްޑިއެފެއަރ ކަމުގެ މަގާމަށް އިނގިރޭސިވިލާތުގެ ޑިޕްލޮމޭޓެއްކަމަށްވާ އަޖާއި ޝަރްމާ ޢައްޔަން ކޮށްފައިވާނެ ކަމުގައެވެ. އިނގިރޭސި ޚާރިޖީ ވުޒާރާގެ އިސްޑިޕްލޮމޭޓެއް ކަމަށްވާ ޝަރްމާއަކީ ތެހެރާންގައި ހުންނަ އިނގިރޭސި އެންބަސީގެ އިސްޑިޕްލޮމޭޓުގެ ގޮތުގައި އެއްއަހަރު ޚިދްމަތް ކުރައްވާފައިވާ އިންޑިޔާ ދަރިކޮޅުގެ ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ. އޭނާ މިމަހުގެ ފަހުކޮޅު އީރާނަށް ވަޑައިގަންނަވާނެކަމަށް އިނގިރޭސި ޚާރިޖިއްޔާއިން ބުނެއެވެ.
އަނެއްކޮޅުން އީރާނުންވަނީ ލަންޑަންގައި ހުންނަ އެގައުމުގެ އެންބަސީ އަށް ޝާޒްޑިއެފެއަރ އަކު ޢައްޔަންކޮށްފައެވެ. އީރާނުގެ ޚާރިޖިއްޔާއިންބުނީ މިއީ ދެގައުމުގެ ދެމެދުގައި ޑިޕްލޮމެޓިކް ގުޅުންތައް ގާއިމްކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމުގައެވެ.
އިނގިރޭސިވިލާތުން އީރާނާއެކު ބާއްވަމުން ގެންދިޔަ ޑިޕްލޮމެޓިކް ގުޅުންތައް ކަނޑާލީ އިނގިރޭސި ސަރުކާރުން އީރާނާދެކޮޅަށް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އެޅުމާގުޅިގެން މުޒާހަރާ ކުރަމުން ގެންދިޔަ އީރާނުގެ ބަޔަކު ތެހެރާންގައި ހުންނަ އިނގިރޭސި އެންބަސީއަށް 2011 ވަނައަހަރު ވަދެގަނެ އެތަނުގެ ލިޔެކިޔުންތަކަށް ބައެއް ގެއްލުންތައް ދިނުމާގުޅިގެން އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.
އީރާނާއެކު ޑިޕްލޮމެޓިކް ގުޅުންތައް އަލުން ގާއިމްކުރިކަން އިނގިރޭސިވިލާތުން އިޢްލާންކޮށްފައިމިވަނީ އީރާނުގެ ނިއުކްލިޔަރ ޕްރޮގްރާމާ ބެހޭގޮތުން ހުޅަނގުގެ ބާރުތަކާއި އީރާނާދެމެދު ޖެނީވާގައި ކުރިޔަށްގެންދިޔަ ވާހަކަތައް ކޮޅެއްގައި ނުޖެހި ނިމުނުތާ އެއްދުވަސްފަހުންނެވެ. (އަލްޖަޒީރާ)