12 Nov 2013, 09:36
މެނީލާ (ނޮވެމްބަރު 12): ތޫފާނު "ހައިޔާން"ގެ ސަބަބުން ލިބިފައިވާ އާދަޔާ ޚިލާފު ގެއްލުންތަކާ އެކު ފިލިޕީންސްގެ ސަރުކާރުން ކާރިސާގެ ހާލަތު ރަސްމީ ސިފައެއްގައި އިޢްލާންކޮށްފި އެވެ. ރައީސް ބެނިގްނޯ އަކީނޯ ގައުމާ މުޚާބަތު ކުރައްވައި ދެއްވި ޚިތާބެއްގައި ވިދާޅުވީ މިއީ ފިލިޕީންގެ ތާރީޚުގައި އެގައުމަސް ކުރިމަތިވި އެންމެ ބޮޑު ގުދްރަތީ ކާރިސާ ކަމަށާ ކާރިސާގެ ހާލަތު އިޢްލާން ކުރައްވާ ކަމުގަ އެވެ.
"ހައިޔާން"ގެ ސަބަބުން ފިލިޕީންސަށް ލިބުނު ގެއްލުންތައް އެތައް ބިލިޔަން ޑޮލަރަށް އަރާނެކަމަށް އެގައުމުގެ މަސްއޫލުވެރިން ލަފާކުރައްވާއިރު ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީގެ ބާވަތްތައް ދުނިޔޭގެ ގައުމުތަކުން ފޮނުވަމުން އެބަގެންދެ އެވެ. ފިލިޕީންސްގެ ކާރިސާތަކާ ބެހޭ އިދާރާއިން ވަނީ ހާލުގައި ޖެހިފައިވާ މިލިޔަނަކަށް ވުރެ ގިނަ މީހުންނަށް ކާބޯތަކެއްޗާއި ބޭހާއި އެނޫންވެސް އިންސާނީ އެހީގެ ގޮތުގައި އެތައް ސަތޭކަ މިލިޔަން ޑޮލަރެއްގެ ތަކެތި ކުއްލި ގޮތުގައި އެގައުމަށް ބޭނުންވާކަން ހާމަކޮށް ބައިނަލްއަޤްވާމީ އެހީއަށް ގޮވާލާފަ އެވެ.
ފިލިޕީންސްގެ ގޮވާލުމާ އެކު ދުނިޔޭގެ އެކިގައުމުތަކުންނާއި ރެޑްކްރޮސްއާއި ރެޑް ކްރެސެންޓް ފަދަ އިންސާނީ އެހީ ދިނުމަށް ހަރަކާތްތެރިވާ ޖަމާއަތްތަކުން ވަނީ ފިލިޕީންސަށް ކުއްލި އެހީގެ ގޮތުގައި ކާބޯތަކެއްޗާއި ބޭހާއި ރަޖާއަދި އަންނައުނު ފަދަ ތަކެތި އެގައުމަށް ފޮނުވާން ފަށާފަ އެވެ. ޖަޕާނާއި އެމެރިކާ އާއި ޗައިނާއާއި މެލޭޝިޔާ އާއި ދެކުނު ކޮރެޔާ އިން މިހާރު ވެސް ވަނީ އެހީގެ ތަކެތި ފޮނުވާން ފަށާފަ އެވެ.
ފިލިޕީންސްގެ ތާރީޚުގައި ވެސް އެގައުމަށް ކުރިމަތިވި އެންމެ ނުރައްކާތެރި ކާރިސާގެ ގޮތުގައި ސިފަކުރެވޭ މިކާރިސާގައި މިހާތަނަށް 10 ހާހަށް ވުރެ ގިނަ މީހުން މަރުވެ، މިލިޔަނަކަށް ވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވާ އިރު ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީ ފޯރުކޮށްދިނުން ވެސް ވަނީ ވަރަށްބުރަ އަދި އުނދަނގޫ މަސައްކަތަކަށް ވެފަ އެވެ. މިމަސައްކަތް ކުރަމުން ގެންދަނީ ފިލިޕީންސްގެ ސިފައިންނާއި ވޮލަންޓިއަރުންނާއި އިންސާނީ އެހީދޭ ޖަމާއަތްތަކުގެ މެންބަރުންނެވެ.
ޖަޕާނު ސަރުކާރުން އިއްޔެ ބުނެފައި ވަނީ ފިލިޕީންސަށް ބޭނުންވާ ސިއްހީ އަދި އިންސާނީ އެހީފޯރުކޮށް ދިނުމަށް އެގައުމުން މަސައްކަތް ފަށާފައިވާ ކަމަށާ އެތަށް މިލިޔަން ޑޮލަރެއްގެ ތަކެތި މިހާރު ފޮނުވުމުގެ މަގުމަތީގައިވާ ކަމުގަ އެވެ. އެމެރިކާއިން ވަނީ އެގައުމުގެ ކަނޑުގެ ސިފައިންގެ 90 އަށްވުރެ ގިނަ މީހުންނާއެކު އިންސާނީ އެހީގެ ބައެއް ސާމާނު ފޮނުވާފައެވެ. މެލޭޝިޔާއާއި ޗައިނާއިންވަނީވައިގެ މަގުން އެހީގެ ތަކެތި ފޮނުވަން ފަށާފައެވެ. (ރޮއިޓާސް)