12 Nov 2013, 09:27
ލ. ގަން ސިނާއީ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކެއްގެ ވެރިފަރާތްތައް ނޫން އެހެން ބަޔަކަށް ގާނޫނާ ހިލާފަށް ވިއްކި މައްސަލައަކާ ގުޅިގެން އޭޑީކޭ ހޮސްޕިޓަލުގެ ވެރިޔާ އަހުމަދު ނާޝިދު (އޭޑީކޭ ނާޝިދު) ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފި އެވެ.
ފުލުހުންގެ އޮފިޝަލަކު ރޭ ވިދާޅުވީ ގަމުގެ ސިނާއީ ސަރަހައްދުން ގަވައިދާ ހިލާފަށް ވިއްކި ގޯތަކެއްގެ މައްސަލައާ ގުޅިގެން ނާޝިދު ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ މިދިޔަ މަހުގެ 25 ވަނަ ދުވަހު ކަމަށެވެ. ނަމަވެސް އެ މައްސަލައާ ގުޅޭ އިތުރު ތަފުސީލެއް އޭނާ ހާމައެއް ނުކުރައްވަ އެވެ.
ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި ނާޝިދުގެ މަސްލަހަތާ އެއްގޮތަށް އެ ރަށުން ހަ ގޯއްޗެއް ގަނެފައިވެ އެވެ. ނަމަވެސް އެ ގޯތިތަކާ ބެހޭ ގޮތުން ނާޝިދުގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުން ކުރިން ބުނެފައި ވަނީ ސިނާއީ ސަރަހައްދުން ދޫކޮށްފައިވާ ގޯތިތަކެއް ވެރިފަރާތް ނޫން އެހެން ބަޔަކަށް ވިއްކާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، އިންޓެލިޖެންސް ޑިޕާޓްމަންޓާއި އިކޮނަމިކް ކްރައިމް ޑިޕާޓްމަންޓް ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ. އެ އޮޕަރޭޝަނުގައި މާވެޔޮ މަގުގައި ހުންނަ ކެފޭއެއްގެ ތެރޭގައި ގޯއްޗެއް ވިއްކުމުގެ މުއާމަލާތް ހިންގަމުން ދަނިކޮށް އޮކްޓޯބަރު ތިން ވަނަ ވަނަ ދުވަހުގެ ރޭ 48 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި އެމީހާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު އޭނާގެ އަތުން ސިނާއީ ސަރަޙައްދުން ވިއްކަން އުޅުނު ގޯތިތަކުގެ ރަޖިސްޓްރީތަކާއި ގިނަ އަދަދެއްގެ ފައިސާތައް ފެނިފައިވާ ކަމަށާއި އޭނާ ދުއްވާ ސައިކަލްގެ މަޑި ދަށުން ވެސް އެފަދަ ސައްހަ ނޫން ކަމަށް ބެލެވޭ އިތުރު ރަޖިސްޓްރީއެއް ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައިގައި ހައްޔަރުކުރި މީހާ ދިރިއުޅެމުންދާ ގެ ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރި އިރު ގަން ސިނާޢީ ސަރަހައްދުން ދޫކޮށްފައިވާ ކަމަށް ބެލެވޭ ގޯތިތަކެއްގެ ސައްހަ ނޫން އަށް ރަޖިސްޓްރީ އާއި ފަސް ލައްކައަށް ވުރެ ގިނަ ރުފިޔާ އާއި ސިނާއީ ސަރަހައްދުގެ ބިމުގެ ޗާޓަކާއި މައްސަލައާއި ގުޅުން ހުރި ބައެއް ލިޔެކިޔުންތަކެއްގެ އިތުރުން މައްސަލައާ ގުޅުން ހުރި ފަރާތްތަކަށް ފައިސާ ޖަމާކޮށްފައި ހުރި ސްލިޕްތަކެއް ވެސް ފެނިފައިވާ ކަމަށެވެ. އަދި މި މައްސަލާގައި މާލެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވުނު މީހާއަކީ ސިނާޢީ ސަރަހައްދުގެ ޗާޓު ހިފައިގެން އެކި މީސް މީހުންގެ ކައިރިއަށްގޮސް އެސަރަހައްދުން ގޯތި ލިބެން އެބަހުރި ކަމަށް ބުނެ ހަމަޖެއްސުމާއި ގޯތި އަގު ކަނޑައެޅުމާ ބެހޭ ގޮތުން މުއާމަލާތްތައް ހިންގުމުގައި އިސް ދައުރެއް އަދާކޮށްފައިވާ މީހާ ކަމަށާއި އެ ކަމަކީ ލ. ގަން ކައުންސިލްގެ މެމްބަރަކާއި އެ އިދާރާގެ މުވައްޒަފެއް ވެސް ބައިވެރިވެގެން ހިންގަމުންދާ ކަމެއްކަމަށް ބެލެވޭ ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.
ފުލުހުން ބުނެފައި ވަނީ އެ މައްސަލައާ ގުޅިގެން ގަން ކައުންސިލް އިދާރާ ބަލައި ފާސްކޮށް އެ އިދާރާ އިން މައްސަލައާ ގުޅުން ހުރި މީހުން ބޭނުން ކުރި ދެ ކޮމްޕިއުޓަރު ސިސްޓަމްގެ ހާޑް ޑިސްކް އަދި މައްސަލައާ ގުޅުން ހުރި ލިޔުންތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށާއި މިހާތަނަށް ބެލިބެލުމުން ގާތްގަނޑަކަށް 85 ގޯތި އެގޯތީގެ އަސްލު ވެރިފަރާތް ނޫން އެހެން ބަޔަކަށް ވިއްކައި ސައްހަނޫން ރަޖިސްޓްރީތައް ދޫކޮށްފައިވާ އިރު އެ ގޯތިތައް ލިބިފައިވާ ފަރާތް ނޫން އެހެން ފަރާތުގެ ނަމަށް ގޯތިތައް ބަދަލުކޮށް ސައްޙަނޫން ރަޖިސްޓްރީ ހަދާފައިވާ މީހުންގެ ތެރޭގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަކުދިންގެ ނަމުގައި ހަދާފައިވާ ރަޖިސްޓްރީތައް ހިމެނޭ ކަމަށް ފުލުހުންބުނެފައިވެ އެވެ.