12 Nov 2013, 00:12
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން ލ. ގަމުގައި ގާއިމްކޮށްފައިވާ ފިޝަމަންސް ކޮމިޔުނިޓީ ސެންޓަރުގައި އޮޑި ދޯނި ފަހަރުގައި ކަރަންޓް ވަޔަރު ކުރަން ދަސްކޮށްދޭ ކޯހަކާއި ފިޝްފައިންޑާ ޖީޕީއެސް ސެޓިންހެދުމާއި އިންޖީނު މަރާމާތުކޮށް ބަލަހައްޓަން ދަސްކޮށްދޭ ކޯހެއް ފަށައިފިއެވެ.
މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަންގެ ޗެއާމަން މައިޒާން އަހްމަދު މަނިކު ވިދާޅުވީ މިއަދު އެ ކޯސްތައް ފަށާފައި ވަނީ އެ އެސޯޝިއޭޝަނާއި އިންޓަރނޭޝަނަލް ޕޯލްއިންލައިން ފައުންޑޭޝަނާއި މީގްރޮސް ސްވިޒަލޭންޑްގެ އިތުރުން މޯލްޑިވްސް ޕޮލިކްލިނިކާއި މައިޒާން އިލެކްޓްރޯނިކްސްގެ އެހީތެރިކަމާއި އެކު ކަމަށެވެ.
އޭނާ ވިދާޅުވީ ލ. ގަމުގައި ފެށުނު އެ ކޯސް ތަކުގެ ސަބަބުން މަސްވެރިންނަށް މިހާރަށް ވުރެ އިތުރު ތަމްރީނުތައް ލިބިގެންދާނެ ކަމަށެވެ.
އެ ކޯސްތައް އަމާޒު ކޮށްފައިވަނީ މޯލްޑިވްސް ޕޮލި ކްލިނިކްގެ ސެޓްފިކެޓް 3 ގެ ފެންވަރަށް ކަމަށާއި މިކޯހުގެ ފަހުން ވެސް މިފަދަ އެތައް ކޯސް ތަކެއް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް ވެސް މައިޒާން އަހްމަދު މަނިކު ވިދާޅުވި އެވެ.
ޒަމާނީ ޓެކްނޮލަޖީގެ އެހީގައި ރާއްޖޭގައި ހުނަރުވެރި ޒުވާން ކެޔޮޅުން ތަމްރީނިނުކޮށް އުފެއްދުމުގެ އިތުރުން މަސްވެރިންނަށް ލުއި ފަސޭހަ ކޮށް ދިނުމުގެ މަގުސަދުގައި ފަށާފައިވާ އެކޯހުގެ 15 ބައިވެރީންގެ ތެރެއިން ކޮންމެ ބައިވެރިއަކަށް ވެސް އެލަވަންސް އެއްގެ ގޮތުގައި 2000ރ. ދިނުމަށް ހަމަޖެފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ކުރިއަށްއޮތްތަނުގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކުގެ ތެރޭގައި ކޯސްޓަލް ނެވިގޭޝަނާއި މާސްޓާ ފިޝަމަންސް އަދި މަސްވެރިކަމާއި ގުޅުން ހުރި އެހެނިހެން ކޯސްތައް ހިމެނޭ ކަމަށެވެ.