11 Nov 2013, 23:15
ސީޝެލްސްއާ ދެކޮޅަށް މިމަހުގެ ފަހުކޮޅުގައި ކުޅުމަށް ހަމަޖެހިފައިވާ އެކުވެރިކަމުގެ ތިން މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޕްރެކްޓިސް މިއަދު ފަށައިފި އެވެ.
އަންނަ އަހަރު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ އޭއެފްސީ ޗެލެންޖް ކަޕަށް ތައްޔާރުވުމުގެ ގޮތުން އެކުވެރިކަމުގެ މެޗުތަކެއް ކުޅުމަށްޓަކައި ގައުމީ ޓީމުގެ ފަރިތަކުރުތައް ފެށިއިރު ޓީމުގެ ހެޑްކޯޗްގެ މަގާމްގައި ކުރިން ހުރި އިސްތަވާން އުރުބާނީ އިސްތިއުފާ ދިނުމުން ޓީމުގެ ކޯޗެއްގެ ގޮތުން މަސައްކަތްކުރާނީ ވޭތުވެދިޔަ ދެއަހަރެއްހާދުވަހު ގައުމީ ޓީމުގެ އެސިސްޓެންޓް ކޯޗުގެ ގޮތުގައި މަސައްކަތްކުރި އަލީ ނާޝިދު (އޮގަރު އައްޔަ) އެވެ.
ސީޝެލްސްގައި ކުޅެން ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ކުޅޭނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމާ ދެކޮޅަށެއެވެ. އަދި އަނެއް ދެ މެޗު ކުޅޭނީ ސީނިއާ ޓީމާ ދެކޮޅަށެވެ. އެ ދެމެޗު ކުޅެން ހަމަޖެހިފައި ވަނީ މިމަހުގެ 27 އަދި 29 ވަނަ ދުވަހު އެވެ.
އެފްއޭއެމްގެ އެއް ނަންބަރު ޓާފްގައި މިއަދު އިރު އޮއްސުނުގަޑީގައި ފަރިތަކުރުން ފެށިއިރު ޓީމާއެކު ބައިވެރި ނުވަނީ އަހުމަދު ޒާދުއާއި ހުސައިން ނިޔާޒު (ބޮކުރީ)އާއި އަސަދުﷲ އަބްދުﷲ ކަމަށާއި އެއީ މިވަގުތު މާލޭގައި ނެތް ކުޅުންތެރިން ކަމަށް "ސަން"އަށް އައްޔަ ބުންޏެވެ.
"މިއަދު ޕްރެކްޓިސްގައި ބައިވެރި ނުވަނީ ބޮކުރީ، އަސަދުﷲ އަދި ޒާދު. އެކުޅުންތެރިން މިވަގުތު ތިބީ ރަށުގައި. ކުއްލިއަކަށް ނޯޓިސް ދިނީމަ ނާދެވުނީ. އެކަމަކު އެކުޅުންތެރިންވެސް އިރާދަކުރެއްވިއްޔާ މާދަމާގެ ޕްރެކްޓިސްގައި ޖޮއިން ކުރާނެ،" ކޯޗު ބުންޏެވެ.
އައްޔަ ބުނީ މިވަގުތު ހެޑްކޯޗެއް ނެތް ކަމުގައި ވީނަމަވެސް މިހާރު ގައުމީ ޓީމްގައި ތިބި ގިނަ ކުޅުންތެރިންނާއެކު އެކުވެރިކަމުގެ ތިން މެޗަށް ތައްޔާރުވުމަށް މާކަ ބޮޑު ދަތިތަކެއް ނެތްކަމަށެވެ.
"ގާތްގަނޑަކަށް ދިހަވަރަކަށް ދުވަހުގެ ޓްރޭނިން އެއް ކުރަން މިޖެހެނީ. މީކީ އެއްވެސް ވަރަކަށް ނުވާވަރު ކަމެއް ނޫން. މިހާދުވަހު ޓީމާއެކު މަސައްކަތް ކުރެވިފައި ވުމާއި އަދި މިކުޅުންތެރިންނަކީ އަޅުގަނޑަށް ވަރަށް ބޮޑަށް އިތުބާރު ލިވިފައި ތިބި ކުޅުންތެރިންތަކެއް ވީމަ މީ އެހާ އުނދަގޫ ކަމަކަށް ނުވާނެ،" އައްޔަ ބުންޏެވެ.
ކޯޗު ބުނީ ގައުމީ ޓީމުގެ ފެންވަރު މިހާރުވެސް މިދަނީ ދުވަހެއް ދުވަހަކަށް ރަނގަޅު ވަމުން ކަމަށާއި އެހެންކަމުން މިވަގުތު އޭނާ އެންމެ އިސްކަމެއްދޭނީ ޓީމު އެގޮތުގައި ހިފެހެއްޓޭތޯ ބެލުމަށް ކަމަށެވެ.
އައްޔަ ފާހަގަކުރި ގޮތުގައި ފުޓްބޯޅަ ސީޒަން ނިމިފައި އޮތުމުން ކުޅުންތެރިންނަށް "ފިޓްނަސް"ގެ މައްސަލަތައް ކޮންމެވެސް ވަރަކަށް ކުރިމަތިވެފައިވެ އެވެ.
"ޓީމުގައި އިންޖަރީގެ އެއްވެސް މައްސަލައެއް ނެތް. ސީޒަން ބްރޭކްވެފައި އޮތުމުން ކުޅުންތެރިންގެ ފިޓްނަސް މައްސަލަ ކުރިމަތިވާނެ. އެކަމަކު ވަރަށް ރަނގަޅު އެއްކަމެއް ފާހަގަކުރެވުނު. މިދިޔަ ދުވަސްތަކުގައި ވެސް ކުޅުންތެރިން އަމިއްލައަށް އިސްނަގައިގެން ޓީމެއް ގޮތަށް ކޮންމެ ދުވަހަކުހެން ޓާފް ދަނޑަށް އައިސް ކުޅެމުން މިގެންދަނީ. އެގޮތަށް އެކުދިން ކުޅޭތާ މިހާރު ދިހަ ވަރަކަށް ދުވަސް މިވީ،" އައްޔަ ބުންޏެވެ.
ސީޝެލްސްއާ އެކު މެޗުތައް ކުޅުމަށް ގައުމީ ޓީމް އެގައުމަށް ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި މެޗުތައް ކުޅުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.
ވޭތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ތިން ފަހަރެއްގެ މަތިން ރާއްޖެއާއި ސީޝެލްސް ވާދަކޮށްފައިވާއިރު އޭގެ ތެރެއިން ދެފަހަރު ރާއްޖެ ވަނީ ސީޝެލްސްގެ މައްޗަށް ކުރި ހޯދާފަ އެވެ. އެގޮތުން ރާއްޖޭގައި މި ދެޓީމު ވާދަކުރި ދެމެޗުން އެއް މެޗު 3-0 އިން އަދި އަނެއް މެޗު 2-1 އިން ރާއްޖެ ވަނީ ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން 2011 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ސީޝެލްސްއިން ރާއްޖެ މައްޗަށް ކުރިހޯދީ 5-1 އިންނެވެ.
އައްޔަ ބުނީ މިހާރު މިއޮތް ސްކޮޑާއެކު މިފަހަރުވެސް ސީޝެލްސް އަތުން ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
"އެޓީމަކީ އަޅުގަނޑުމެންނަށްވުރެ ހާސްބައި މޮޅުބައެއް ނޫން. ރާއްޖޭގައި ދެބުރަށް އެޓީމު ބަލިކޮށްފައި މިވަނީ. އެހެންވީމާ ރަނގަޅަށް ތައްޔާރުވެގެން ގޮސްފިއްޔާ ހަމަ މޮޅުވެގެން އިރާދަކުރެއްވިއްޔާ އަންނާނީ،" ގައުމީ ޓީމާ މިވަގުތު ހަވާލުވެ ހުރި ކޯޗު ބުންޏެވެ.