އަންނަ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ތާއީދު ހޯދުމަށް އެމްޑީޕީން މިރޭ ބައްދަލުކޮށްފި އެވެ.

މ. މާފަންނުވިލާގައި މިރޭ އިރާކޮޅު ބޭއްވި ގާތްގަނޑަކަށް ދެގަޑިއިރުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އެވެ.

އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އޭނާ ތާއީދުކުރައްވާ ވަކި ބަޔަކު މިވަގުތު ނެތް ކަމަށެވެ. އެކަމަކު ފަހު ވަގުތު އަމިއްލަ ހައިސިއްޔަތުން ވަކި ބަޔަކަށް ތާއީދުކުރައްވާނެ ކަމެއް ނުވަތަ ނޫން ކަމެއް ނުނިންމަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

"އަޅުގަނޑުގެ ޕާޓީން ނިންމާފައިވާ ގޮތަށް ބަދަލެއް ނުގެންނަން. ނަމަވެސް އެންމެ ފަހު ވަގުތު އަޅުގަނޑު އަމިއްލަ ހައިސިއްޔަތުން ވަކި ބަޔަކަށް ތާއީދުކުރާނެ ކަމެއް ނުވަތަ ނޫން ކަމެއް ނުނިންމަން،" އޭނާ ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ އެމްޑީޕީއަކީ އޭނާގެ ހަތުރުނެއް ނޫން ކަމަށެވެ.

ގާސިމް ދެއްކެވި ވާހަކަތަކާ ގުޅިގެން އިބޫ ވިދާޅުވީ ގާސިމް އެމްޑީޕީ އަށް ތާއީދު ކުރައްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.

އެމްޑީޕީން މިރޭ ގާސިމްއާ ބައްދަލުކުރި އިރު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން ވަނީ ހޮނިހިރު ދުވަހުގެ ރޭ ގާސިމްއާ ބައްދަލުކުރައްވައިފަ އެވެ.