04 Dec 2010, 09:20
ޑީއާރްޕީގެ ގުނަވަނަކުން ނިންމާ ނިންމުމަކަށް ގޮތް ކިޔުމުގެ އިހުތިޔާރު ޕާޓީގެ އެއްވެސް މަގާމެއްގައި ހުރި މީހަކަށް ޑީއާރްޕީގެ އަސާސީ ގަވައިދުން ނުލިބޭ ކަމަށް ޑީއާރްޕީން ބުނެފި އެވެ.
ޑީއާރްޕީން މިއަދު އާންމު ކުރި ހަ ފޮޅުވަތުގެ ބަޔާނެއްގައި ބުނަނީ ޑިއާރްޕީއަކީ ޑިމޮކްރެޓިކް އުސޫލުތަކަށް ތަބާވާ ޕާޓީގެ އަސާސީ ގަވައިދުން ބާރު ލިބިގެން ހިނގާ ޕާޓީއެއް ކަމަށެވެ.
".. ޕާޓީގެ އެކި ގުނަވަންތަކުން ނިންމާ ނިންމުންތަކާމެދު ޕާޓީގެ ވަކިވަކި މެންބަރުންނަށް ނުވަތަ ޕާޓީގެ އެއްވެސް މަގާމެއްގައި ހުންނަވާ ބޭފުޅަކަށް ގޮތެއް ނިންމުމުގެ އިހުތިޔާރު ޕާޓީގެ އަސާސީ ގަވައިދުގައި ލިބިދީފައެއް ނުވެއެވެ،" ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު އުމަރު ނަސީރު ޕާޓީން ވަކި ކުރުމަށް ނިންމި ނިންމުން ގަބޫލު ފުޅު ނުކުރައްވާ ކަމަށާއި އުމަރު ނަސީރަކީ އަދިވެސް ޑީއާރްޕީގެ ޑިޕިއުޓީ ލީޑަރު ކަމަށް ޑީއާރްޕީގެ ޒައީމް މައުމޫނު އަބްދުލަ ގައްޔޫމް ވިދާޅުވެފައި ވަނިކޮށް ޑީއާރްޕީން އާންމު ކުރި ބަޔާނުގައި ވެއެވެ.
އެ ބަޔާނުގައި އަދި ބުނަނީ ޑީއާރްޕީގެ ޑިސިޕްލިނަރީ ކޮމެޓީން ނިންމާ ނިންމުންތަކާމެދު ފަހުގޮތް ނިންމުމުގެ އިހުތިޔާރު ޕާޓީގެ މެންބަރުން އަސާސީ ގަވައިދު މެދުވެރިކޮށް ހަވާލުކޮށްފައި ވަނީ ހަމައެކެނި ޕާޓީގެ އިސްތުއުނާފު ކޮމެޓީއަށް ކަމަށެވެ.
ޑީއާރްޕީން އުމަރު ނަސީރު ވަކި ކުރި މައްސަލައިގައި އިސްތިއުނާފު ކޮމެޓީއަށް ނުދާނެ ކަމަށް އުމަރު ނަސީރު ވަނީ ބުނެފައެވެ.