11 Nov 2013, 22:28
ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ކޮޓަރިކޮޅަށް ވަދެ އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދޭން ބައެއް މެމްބަރުން މަސައްކަތް ކޮށްފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން މަޖިލީހުގެ ސާޖަންޓު އެޓް އާމްސް މުހައްމަދު ހަލީމް ވިދާޅުވީ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ކޮޓަރިކޮޅުގައި ހުންނަވަނިކޮށް މިއަދު މެންދުރު ފަހު 2:30 އެހައިކަންހާއިރު 10 ވަރަކަށް މެމްބަރުން އެތަނަށް ވަދެ "އެހެންކަހަލަ ގޮތަކަށް" އަޑުގަދަކޮށްފައިވާ ކަމަށެވެ.
އޭނާ ވިދާޅުވީ އަޑުގަދަކުރުމަށް ފަހު އެ ކޮޓަރިތެރޭގައި ހުރި ލެޕްޓޮޕާއި މޭޒުމަތީގައި އޮތް ބިއްލޫރިގަނޑު ބިންމައްޗަށް ވައްޓާލާފައިވާ ކަމަށެވެ. ނަމަވެސް އެތަކެއްޗަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ވެސް ހަލީމް ވިދާޅުވި އެވެ.
އޭގެ އިތުރުން މަޖިލީހުގައި ބަހައްޓާފައި ހުރި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯ ބިންމައްޗަށް ވައްޓާލާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެ މައްސަލަ ފުލުހުންނަށް ހުށަހެޅުމުން ތަހުގީގު ޓީމެއް ވަޑައިގެން ފިންގާޕްރިންޓް ޗެކްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މަޖިލީހުރެ ރައީސްގެ ކޮޓަރިކޮޅަށް ވަދެ އަޑުގަދަކުރުމަށް ފަހު އެތަނުގައި ހުރި ތަކެއްޗަށް ގެއްލުންދޭން އުޅުއްވީ ކޮން މެމްބަރުންނެއް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިކަމާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ކަމެއް ހުށަހެޅިފައިވާ ކަމަށާއި ހަމަޖެހިފައިވާ އުސޫލާ އެއްގޮތަށް އެކަމާ މެދު އަމަލު ކުރަމުންދާނެ ކަމަށެވެ.