11 Nov 2013, 20:57
ރޭ މާލޭގައި ހިނގި ހަމަނުޖެހުންތަކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 23 މީހުންގެ ތެރެއިން ކޯޓަށް ހާޒިރުކުރި 22 މީހުންގެ ތެރެއިން ހަތް މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްދީ 15 މީހަކު ޝަރުތުތަކާއެކު ދޫކޮށްލައިފި އެވެ.
ފުލުހުން ބުނީ އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންގެ އަމުރަށް ނުކިމަންތެރިވެ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައާއި ސަލާމަތީ ގޮތުން ފުލުހުން އަޅާފައިވާ ބެރިކޭޑްތައް ފަޅާލައި އެތެރެއަށް ވަނުމުގެ އިތުރުން، ފުލުހުންނާ ދިމާލަށް ގަލާއި ފުޅިފަދަ ތަކެތި އުކިކަމުގެ ތުހުމަތުގައި ކަމަށެވެ.
ރޭ ފުލުހުންގެ ބެލުމުގެ ދަށަށް 23 މީހުން ގެންދިޔައިރު އޭގެ ތެރޭގައި ހިމެނެނީ 19 ފިރިހެނުންނާއި ހަތަރު އަންހެނުންނެވެ. އެ މީހުންގެ ތެރެއިން އަންހެނަކު ރޭގެ ވަގުތެއްގައި ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ ކޯޓަށް ހާޒިރުކުރި މީހުންގެ ތެރެއިން ބަންދުގެ މުއްދަތު އެކި މީހުންނަށް އެކިވަރަށް ދީފައިވާއިރު ބަންދުގެ މުއްދަތު އިތުރުކޮށްދީފައި ވަނީ ފަސް ދުވަހާއި ދިހަ ދުވަހުގެ މުއްދަތަށެވެ.
ރޭ ސޯސަންމަގު ނާދީ ކައިރީ ހިނގި ހަމަނުޖެހުންތަކުގައި ސޯސަންމަހު ނާދީކައިރީގައި ހަރުކޮށްފައިހުރި ޓްރެފިކް ލައިޓާއި ސޯސަންމަގުގައި ހުންނަ ރޯޝަނީ ބިލްޑިން ގައި ހަރުކޮށްފައިވާ ކެމެރާއެއް ވަނީ ހަލާކުކޮށްލައިފަ އެވެ. އަދި މުޒާހަރާގެ ބައިވެރިންގެ ތެރެއިން ފުލުހުންނާ އެވަގުތު އެ މުޒާހަރާގެ މަންޒަރުތައް ކަވަރު ކުރަމުންދިޔަ ނޫސްވެރިނަށް އަމާޒްކޮށް ގަލާއި ފުޅި ފަދަތަކެތި އުކާފައިވެ އެވެ. އޭގެ އިތުރުން ސަލާމަތީގޮތުން ފުލުހުން އަޅާފައިވާ ބެރިކޭޑެއްގައި ރޯކޮށްލައި ސޯސަންމަގު ދަތުރުކުރި ދެ ބަހަކަށް އަރައި އެބަހުގެ ޑްރައިވަރުންނަށް ހަމަލާދީ މާރާމާރީ ހިންގުމުގެ އިތުރުން އެތަނުން ބަހެއް ފްރޮޅާލުމަށް ވެސް މުޒާހަރާގެ ބައިވެރިން ވަނީ މަސައްކަތްކޮށްފަ އެވެ.
މީގެއިތުރުން ވެސް މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެއްލި އެއްޗަކުން ޖެހި ނޫސްވެރިއެއްގެ ބޮލަށް އަނިޔާވެފައިވެ އެވެ. އަދި އޭނާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު ރޭ ވަނީ ދޫކޮށްލާފަ އެވެ.