11 Nov 2013, 20:28
ޑެޕިއުޓީ ޕްރޮސެކިއުޓާ ޖެނެރަލް ދީބާނާޒް ފަހުމީ މިއަދު އިސްތިއުފާ ދެއްވައިފި އެވެ.
ހަ އަހަރު ދުވަހު ޕީޖީ އޮފީހަށް ހިދުމަތް ކުރެއްވުމަށް ފަހު، ޑެޕިއުޓީ ޕީޖީގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައިވާ ކަން ދީބާނާޒް ސަން އަށް ކަށަވަރުކޮށްދެއްވި އެވެ.
އޭނާ ވިދާޅުވީ "އަހުމަދު މުއިއްޒު [ޕްރޮސެކިއުޓާ ޖެނަރަލް]ފަދަ ހެޔޮ ވެރިޔަކާ އެކު މަސައްކަތް ކުރަން ލިބުމަކީ އުފަލެއް" ކަމަށެވެ.
އިސްތިއުފާގެ ސިޓީ ޕީޖީ މުއިޒްގެ އަތްޕުޅަށް މިއަދު އަރުވާފައިވާނެ ކަމަށާއި ނަމަވެސް "އިސްތިއުފާ ދިން ސަބަބާ ބެހޭ ގޮތުން އެއްޗެއް ބުނެވެން ނެތް" ކަމަށް ދީބާނާޒް ވިދަޅުވި އެވެ.
ޕީޖީގެ އޮފީހާ ގުޅިވަޑައިގަތުމުގެ ކުރިން ދީބާނާޒް މަސައްކަތް ކުރައްވަމުން ގެންދެވީ ބަންޑާރަ ނައިބުގެ އޮފީހުގަ އެވެ. އޭނާ ޕީޖީ އޮފީހާ ގުޅިވަޑައިގެންނެވީ 2008 އަހަރު އެވެ. އޭނާ ޑެޕިއުޓީ ޕީޖީގެ މަގާމަށް އައްޔަން ކުރީ، މިދިޔަ އަހަރު އެ މަގާމުގައި ހުންނެވި ހުސައިން ޝަމީން އިސްތިއުފާ ދެއްވުމާ ގުޅިގެން އޮކްޓޯބަރު 31، 2012ގަ އެވެ.