11 Nov 2013, 19:08
ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އާ މިހާރު އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ތާއީދުކުރަން ނިންމި ޕާޓީތަކުން ބުނެފި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބުދުﷲ ޔާމީނު އަބްދުލްގައްޔޫމުގެ ރަނިން މޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދާ އެކު އަދާލަތުޕާޓީ އާއި ގައުމީ ޕާޓީ އާއި އިސްލާމިކް ޑިމޮކްރެޓިކް ޕާޓީ އާއި ގައުމީ އިއްތިހާދު ޕާޓީގެ ވެރިން ބޭއްވި ނޫސްކޮންފަރެންސްގައި ހުރިހާ ބޭފުޅުން ވެސް ވިދާޅުވީ އެބޭފުޅުންގެ މެދުގައި އޮތް ހިޔާލު ތަފާތުވުންތައް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
އަދާލަތު ޕާޓީގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. މުޙައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވީ އެންމެން އަތުގުޅާލާފައި ވަނީ ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްލާމީ ޝަޚުސިއްޔަތު ރައްކާތެރި ކުރުމަށް ކަމަށެވެ.
"އަޅުގަނޑުމެން މިއަދު، މިއެންމެން އަތުގުޅާލާފައި މިވަނީ ދިވެހި ގައުމުގެ މިނިވަންކަމާއި ސިޔާދަތާއި ދިވެހި ގައުމުގެ އަގީދާ އާއި އިސްލާމީ ޝަޚުސިއްޔަތު ދިފާއުކޮށް، ދިވެހި ގައުމުގައި ހަމަޖެހޭ އިސްތިޤުރާރު އޮތް ދައުލަތެއް، ސަރުކާރެއް ގާއިމް ކުރުމަށް ޓަކައި، އަޅުގަނޑު އެދެނީ ޖުމްހޫރީ ކޯލިޝަން އަށް ވޯޓްދެއްވި އެންމެހާ ލޮބުވެތި ރައްޔިތުން ޕީޕީއެމްއަށް ވޯޓް ދެއްވުމަށް،" ޑރ. ޝަހީމް ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އަދާލަތު ޕީޕީއެމްއާ ގުޅުނީ ޕީޕީއެމްގެ ކެންޑިޑޭޓާއި ރަނިންމޭޓަށް އިތުބާރު އޮތީމާ ކަމަށެވެ. އަދި ވިދާޅުވީ ދެވަނަ ބުރަށް ކޮންމެ ބޭފުޅަކު ވަޑައިގެންނެވި ނަމަވެސް އެމްޑީޕީގެ ފިކުރުން ގައުމު ސަލާމަތް ކުރަން އެބޭފުޅަކާ އެކު މަސައްކަތް ކުރަން އަދާލަތުން ކުރިން ވެސް ނިންމާފައިވާ ކަމަށެވެ.
ގައުމީ ޕާޓީގެ ރައީސްކަމުން ޑރ. ހަސަން އިސްތިއުފާ ދެއްވުމަށް ފަހު އެ ޕާޓީގެ ރައީސް އަކަށް ރޭ ވަޑައިގެންނެވި އިމާދު ސޯލިހު ވިދާޅުވީ އިންތިހާބު ކާމިޔާބު ކުރުމަށް ގައުމާ މެދު ވިސްނައި ވަޑައިގެން، ހިތްވަރާ އެކު މަސައްކަތްކޮށް "ކަނޑިއާއި ބަޑި ހިފައިގެން" ކުރިއަށް އޮތް ހަތަރު ދުވަހު މަސައްކަތްކޮށް، ޕީޕީއެމަށް ވޯޓު ދެއްވުމަށް އެންމެންގެ ކިބައިން އެދޭ ކަމަށެވެ. ހިޔާލުތަފާތުވުންތައް ނައްތާލައި، ޕީޕީއެމްގެ މެމްބަރުންނާ ގުޅިގެން ރަށްރަށުގައި ވެސް މަސައްކަތް ކުރަން އެޕާޓީގެ މެމްބަރުންގެ ކިބައިން އެދޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައިޑީޕީން ވެސް ބުނީ އެ ޕާޓީން މިހާރު ޕީޕީއެމްއާ އެއްވެސް ހިޔާލުތަފާތުވުމެއް ނެތް ކަމަށެވެ.
ރައީސް ޑރ. މުހައްމަދު ވަހީދުގެ ނިސްބަތްވެވަޑައިގަންނަވާ ގައުމީ އިއްތިހާދު ޕާޓީގެ ފަރާތުން ތޯރިގު އަލީ ލުތުފީ ވިދާޅުވީ ގައުމީ އިއްތިހާދު ޕާޓީ އާއި ރައީސް ވަހީދަށް ތާއިދު ކުރައްވާ ފަރާތްތަކުން ޔާމީނަށް ވޯޓު ދެއްވުމަށް ތޯރިގު އެދިވަޑައިގަންނަވާ ކަމަށެވެ.
މިއަދުގެ ނޫސްކޮންފަރެންސްގައި ވަކިވަކި ސިޔާސީ ބޭފުޅުންގެ ގޮތުގައި އުމަރު ނަސީރާއި ފަޔާޒު މުހައްމަދު (އެފްއޭ) ވެސް ބައިވެރިވަޑައިގެންނެވި އެވެ.