11 Nov 2013, 17:59
ރިޔާސީ އިންތިހާބު ޕީޕީއެމު ކާމިޔާބުކޮށްފި ނަމަ އެ ޕާޓީއެއްގެ ސަރުކާރުން ލިބޭ ބަޔަކާ މެދު މަޝްވަރާކުރުމަށް ވުރެ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ކޮށްދިނުން މުހިއްމު ކަމަށް އަދާލަތު ޕާޓީން ބުނެފި އެވެ.
ރޭ ނަސަންދުރާގައި ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނާއި އަދާލަތު ޕާޓީން ބޭއްވި މަޝްވަރާ ބައްދަލުވުމަކަށް ފަހު ތިން ޕާޓީން އެކުގައި ބޭއްވި ނޫސް ކޮންފަރެންސެއްގައި އަދާލަތު ޕާޓީގެ އިސް ތަރުޖަމާން އަލީ ޒާހިރު ވިދާޅުވީ ރިޔާސީ އިންތިހާބަށް ލިބިފައި ވަނީ ވަރަށް މަދު ދުވަސްތަކެއް ކަމަށާއި އެގޮތުން ގިނަ މަޝްވަރާތަކެއް ނުކުރެވި ސީދާ ޕީޕީއެމުގެ ހަރަކާތްތަކުގައި ބައިވެރިވަމުންދާނެ ކަމަށެވެ.
"މަޝްވަރާތަކުގައި ވެސް އެންމެ ބޮޑަށް ގެންދެވުނު ކަންތައްތަކަކީ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމާއި އިންތިހާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އިތުރު ވާހަކަތެއް ދައްކަން، މިސާލަކަށް ކޯލިޝަން ހަދައިން ބައިބަޔަށް ބެހުމާއި ކާކަށް ކޯއްޗެއްތޯ ލިބޭނީ، މިވާހަކަތަކަކަށް އެއްވެސް ފުރުސަތުތަކެއް ނުދެން،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ހޮނިހިރު ދުވަހު ބާއްވާ އިންތިހާބުން އަބްދުﷲ ޔާމީން ހޮވިވަޑައިގެންފި ނަމަ ސަރުކާރުގައި ބައިވެރިވެ ނުވުމުގެ އެއްވެސް ވިސްނުމެއް ނެތް ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.
އަދާލަތު ޕާޓީގެ ނައިބް ރައީސް ޑރ. މައުރޫފު ހުސެއިން ވިދާޅުވީ ޕީޕީއެމާއި އަދާލަތާ އެކުގައި މަސައްކަތް ކުރުމަކީ ގިނަ ދިވެހިން ދެކެން ބޭނުންވެފައި އޮތް ދުވަހެއް ކަމަށާއި އެގޮތުން މިހާރު އެ ދެ ޕާޓީގެ މެދު ވަރަށް ބޮޑު އިތުބާރެއް އުފެދިފައިވާ ކަމަށެވެ.
"މިދުވަހަކީ ދިވެހިންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ކެތްމަދުވެފައި ތިބި ދުވަހެއް ދެކެން. ރައީސް ނަޝީދުގެ "ލާދީނީ" ސިޔާސަތުގެ ސަބަބުން. އޭނާގެ ކަންތައްކުން މިގައުމު ސަލާމަތްކުރުމަށް ޓަކައި ކެތްމަދުވެފައި ތިބި ދިވެހިން ދެކެން ބޭނުންވި ދުވަހެއް،" މައުރޫފު ވިދާޅުވި އެވެ.
ނިހާން ވިދާޅުވީ އެއްވެސް ޝަރުތަކާ ނުލައި އަދާލަތު ޕާޓީން ޕީޕީއެމާ ގުޅިވަޑައިގަތުމަކީ މުސްލިމު ކޮންމެ ދިވެހި ރައްޔިތަކު ވެސް ނަގަންވީ ފިޔަވަޅު ކަމަށެވެ. އަދި އެ ގުޅުން ވަރަށް ރަނގަޅަށް ކުރިއަށްދާނެ ކަމަށާއި އަދާލަތާއި އެއްކޮށް ހެދި އެއްބަސްވުމަކީ މުދަލާއި ފައިސާއާއި ތަކެތީގެ ވައުދެއް ނޫން ކަމަށާއި އެއީ ދީނާ ގައުމަށްޓަކައި ނެގި ފިޔަވަޅެއް ކަމަށް ވެސް ނިހާން ވިދަޅުވި އެވެ.
ބައްދަލުވުމުގައި ޕީޕީއެމްގެ ކައުންސިލް މެމްބަރު އަދި ޔޫތު މިނިސްޓަރު މުހައްމަދު ޝަރީފް (މޮންދު) ވިދާޅުވީ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބު ޕީޕީއެމަށް ކާމިޔާބު ވެއްޖެ ނަމަ، އެވަގުތަކު އެ ޕާޓީއާ އެކުގައި ތިއްބެވި ހުރިހާ ބޭފުޅުންނާއި އެކީގައި މަޝްވަރާކޮށް ސަރުކާރެއް އެކުލަވާލާނެ ކަމަށެވެ.
މޮންދު ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އަދާލަތު ޕާޓީން ޕީޕީއެމަށް ތާއީދުކުރަން ނިންމެވުމަކީ އެޕާޓީއަށް ލިބުނު ބޮޑު ހިތްވަރެއް ކަމަށެވެ. އަދި އަދާލަތު ޕާޓީއަކީ ޕީޕީއެމްގެ ވިސްނުމާއި ފިކުރު ވަރަށް އެއްގޮތް ޕާޓީއެއް ކަމަށާއި ގައުމާއި ދީނަށް ޓަކައި އިހުލާސްތެރިކަމާއި އެކީގައި މަސައްކަތް ކުރަމުން ގެންދަވާ ޕާޓީއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.