ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމުން ހައުސިންގް މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުން ނެރުމުން އޭނާގެ ޕާޓީ ކަމަށްވާ އަދާލަތު ޕާޓީ އިން އެކަން ކުށްވެރިކޮށްފި އެވެ.

އަދާލަތު ޕާޓީ އިން މިއަދު ބުނީ ސަރުކާރަކީ ގާނޫނީ ސަރުކާރެއް ކަމަށް ނިންމާފައި ވަނިކޮށް ހައުސިންގް މިނިސްޓަރު ޑރ. މުއިއްޒު މަޖިލީހުން ފޮނުވާލުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށެވެ.

"ޖިނާއީ ކުށްވެރިންނާއި ކުށުގެ ތުހުމަތުގައި ތިބި މެމްބަރުންތަކެއް ހިމެނޭ މަޖިލީހުން މިފަދަ ނާތަހުޒީބީ އަމަލުކުރުމަށް ދެ ވަނަ ފުރުސަތު ނުދިނުމަށް އެންމެހާ ދިވެހި ރައްޔިތުނަށް ގޮވާލަން،" އަދާލަތު ޕާޓީ އިން ބުންޏެވެ.

އަންނަ އަހަރު ރައްޔިތުންގެ މަޖިލީހަށް މެމްބަރުން ހޮވުމުގައި ޖިނާއީ ކުށްކުރާ ފަރާތްތަކަށް ފުރުސަތު ނުދިނުމަށް އަދާލަތު ޕާޓީން ވަނީ ގޮވާލައިފަ އެވެ.

އެ މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ހައުސިން މިނިސްޓަރު މަޖިލީހުގެ ކޮމިޓީއަކަށް ވަޑައިގަތުމުން އެކަމަށް ސާޖެންޓް އެޓް އާމްސް ހުރަސްއެޅީ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް އޮންނަ އިޖުރާއަތުތަކާ ހިލާފަށް މިނިސްޓަރު ހާޒިރުކުރުމަށް ނިންމާފައި ވާތީ ކަމަށެވެ. އަދި އެގޮތަށް ސާޖެންޓް އެޓް އާމްސްގެ އަމަލުކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަންގަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީތަކަށް މީހުން ހާޒިރުކުމުގައި އަމަލުކުރަމުން އަންނަ އުސޫލަކީ މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅައިގެން އެކޮމިޓީތަކުން ފާސްކޮށްގެން މިހާތަނަށް ކުރަމުން އަންނަ ކަމެވެ. ނަމަވެސް މިއަދު މެންދުރު 1 ޖަހާއިރަށް ވަޒީރުން ހާޒިރުކުމަށް އަންގާފައި ވަނީ އެ އުސޫލާ ހިލާފަށެވެ.