11 Nov 2013, 17:30
ޖުމްހޫރީ ވެރިކަމެއްގައި ދައުލަތުގެ ހުރިހާ ބާރުތަކެއް ފެށިގެން އަންނަނީ ވެސް އަދި އެ ބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހެން ވިދާޅުވީ ރާއްޖޭގެ 45 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު މިއަދު ނެރުއްވި ހިތޯބެއްގަ އެވެ.
އެމަނިކުފާނު ވިދާޅުވީ މި އަހަރުގެ ޖުމްހޫރީ ދުވަސް ރާއްޖޭގެ ރައްޔިތުންނާ މި ބައްދަލުކުރީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ އަކު ނެތި ކަމަށެވެ.
"މި އަހަރުގެ ޖުމްހޫރީ ދުވަސް އަޅުގަނޑުމެންނާ މި ބައްދަލުކުރީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޙަޔާތުގައި ފުރަތަމަ ފަހަރަށް ރާއްޖޭގައި އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާ އަކު ނެތި އެވެ. ޖުމްހޫރީ ވެރިކަމެއްގެ އަސާސީ މަފްހޫމަކީ ދައުލަތުގެ އެންމެހާ ބާރުތަކެއް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިން ކަމަށްވެފައި އަދި މި ބާރުތައް ދެމި އޮންނަނީ ވެސް ރައްޔިތުންގެ ކިބައިގައި،" ޝާހިދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ދިވެހި ރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ރިޔާސަތުގެ ދައުރު ނިމި އައު ދައުރު މިއަދު ފެށުނު އިރު ރައްޔިތުން އިންތިޚާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާއެއް ނެތްކަން އެއީ އެމަނިކުފާނު ނުހަނު ކަންބޮޑުވާ ކަމެއް ކަމަށެވެ.
"ޤައުމުގެ ޙާލަތު މިފަދަ ފައްތަރަކަށް ގޮސްފައިވާ ދަނޑިވަޅެއްގައި ރާއްޖޭގެ އެންމެހާ ލޮބިވެތި ރައްޔިތުންނަށް އަޅުގަނޑުގެ އިލްތިމާސްއަކީ ޤާނޫނު އަސާސީން ރައްޔިތުންނަށް ލިބިދީފައިވާ ޙައްގުތަކާއި މިނިވަންކަން ދެމެހެއްޓުމަށާއި ރައްޔިތުންގެ ކިބައިގައިވާ ދައުލަތުގެ ބާރުތައް ހިމާޔަތްކޮށް ދެމެހެއްޓުމަށް އަދި ޤާނޫނީ ވެރިކަމެއް ރާއްޖޭގައި ޤާއިމްކުރުމަށް ކޮންމެ ދިވެހި ރައްޔިތަކު ވެސް އަޒުމް އައުކޮށް ހިތްވަރާ އެކު މަސައްކަތްކޮށްދެއްވުމެވެ" ޝާހިދުގެ ހިތޯބުގައި ވިދާޅުވެފައިވެ އެވެ.