04 Dec 2010, 06:14
މީގެ ދެ މަސް ދުވަސްކުރިން ކެނޯއެއްގައި ކަނޑަށް ނުކުމެ އުޅެނިކޮށް ގެއްލުނު ތިން ކުދިން ހޯދުން އަދިވެސް ހުއްޓާނުލައި ކުރިއަށްދާކަމަށް ސިފައިން ބުނެފި އެވެ.
ސިފައިންގެ މީޑިއާ ކޯޑިނޭޓަރު މޭޖާ އަބްދުއްރަހީމް އަބްދުﷲ ބުރާސްފަތި ދުވަހު ވިދާޅުވީ އޮކްޓޫބަރު 9 ވަނަ ދުވަހު ރ. ހުޅުދުއްފާރުން ގެއްލުނު އުމުރުން 14 އަހަރުގެ ދެ ކުއްޖަކާއި އުމުރުން 10 އަހަރުގެ ކުއްޖާ ހޯދުމުގެ މަސައްކަތް އަދިވެސް ހުއްޓާ ނުލައި ކުރިއަށް ގެންދާ ކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ މީހަކު ގެއްލިއްޖެ ނަމަ އެ މީހަކު ފެނަންދެން އެ މީހަކު ހޯދުމުގެ އޮޕަރޭޝަން ހުއްޓާނުނައި ކުރިއަށްގެންދާ ކަމަށެވެ. އަދި އުސޫލެއްގެ ގޮތުން މީހަކު ގެއްލިއްޖެ ނަމަ އެ ހިސާބުގައި ހާއްސަ އޮޕަރޭޝަނެއް ކުރިއަށްގެންގޮސްގެން ބަލަމުން ގެންދަނީ 72 ދެ ގަޑިރު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ނަމަވެސް އެ ތިން ކުދިން ގެއްލުމާ ގުޅިގެން ސިފައިންގެ ހާއްސަ އޮޕަރޭޝަން ހަފްތާއަކަށް ކުރިއަށް ގެންދިޔަ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިވަގުތު ވެސް މިއޮތީ ހުއްޓާލާފައެއްނޫން. ނަމަވެސް އޭރު އެތަނުގައި އަމަލީގޮތުން ލޯންޗްތައް އެ ސަރަހައްދުގައި ހަރަކާތްތެރިވެ ބަލަމުން ގެންދިޔަ މިންވަރަކަށް އެ ސަރަހައްދުން ބަލަމުން ނުގެންދޭ. ނަމަވެސް އެކި ސަރަހައްދުތައް އަދިވެސް ބަލަމުން ގެންދަނީ." އަބްދުއްރަހީމް ވިދާޅުވި އެވެ.
ސިފައިން ކުރިއަށްގެންދިޔަ އޮޕްރޭޝަނުގައި އޮކްޓޫބަރު 10 ވަނަ ދުވަހު ވަނީ އެ ތިންކުދިން ކަނޑުމައްޗަށް ނުކުމެ އުޅުނު ކެނޯ ފެނިފަ އެވެ. ނަމަވެސް މިއަދާ ހަމައަށް ވެސް އެ ތިން ކުދިންގެ ހަބަރެއް ލިބިފައިނުވާ ކަމަށް ސިފައިން ބުނެ އެވެ.