ރިޔާސީ ދައުރު ހަމަވުމަށް ފަހު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރައީސް ކަމުގައި މިހާރު ހުންނަވާ ދުވަސްތަކަށް ވަޒީރުން މުސާރަ ނުނަންގަވަން ނިންމައިފި އެވެ.

ސަރުކާރުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ ރިޔާސީ ދައުރު ނިމުނު ދުވަހުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެއްވެސް ވަޒީރަކު މުސާރަ ނުނަންގަވަން ވަޒީރުން ކުރިން މަޝްވަރާ ކުރެއްވުމަށް ފަހު މުސާރަ ނުނަންގަން ނިންމަވާފައިވާ ކަމަށެވެ.

އަދީބް ވިދާޅުވީ ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންނަވާ ކަމެއް ކުރައްވަން ވަޒީރުން އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ.

މި ބައްދަލު ކުރެއްވުމުގައި އެނާޖީ މިނިސްޓަރު ޑރ. ޝަކީލާ ވިދާޅުވީ މި މަހުގެ 10 ނިޔަލަށް މިނިސްޓްރީން ވަނީ މަސައްކަތްތައް ނިންމާލަފައިވާ ކަމަށާއި އެހެންކަމުން ކުރަން ޖެހޭ މާ ބޮޑު މަސައްކަތްތަކެއް މި ދުވަސްތަކުގައި ނޯންނާނެ ކަމަށެވެ. ނަމަވެސް ސަރުކާރުން ދޭން ޖެހޭ ހުރިހާ ހިދުމަތްތަކެއް ދެމުންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.