ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަޑައިގަތުމުން މަޖިލީހުގެ ރައީސް އަންގަވައިގެން އޭނާ މަޖިލީހުން ބޭރުކޮށްފި އެވެ.

ސަން އަށް އެނގިފައިވާ ގޮތުގައި މާލިއްޔަތު ކޮމިޓީން ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދުގެ ސަރުކާރުގެ ހުރިހާ ވަޒީރުން މަޖިލީހުގެ ކޮމިޓީ އަށް ހާޒިރުވެވަޑައިގަތުމަށް އަންގަވައިފި އެވެ. ނަމަވެސް އެ ބައްދަލުވުމަށް ވަޑައިގެންނެވީ މުއިއްޒު އެކަންޏެވެ.

ހައުސިން މިނިސްޓަރު މުއިއްޒު ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

އެ ކޮމިޓީގެ މެމްބަރު އަދި ބިއްލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ މިއަދު ސަން އަށް ވިދާޅުވީ ވަޒީރުންގެ މަޖިލީސް އެއްކޮށް ކޮމިޓީއަކަށް ހާޒިރުކުރުމަށް ނިންމި ނިންމުމަކީ ކޮމިޓީގެ މުގައްރިރުގެ އަމިއްލަފުޅު ނިންމެވުމެއް ކަމަށެވެ. ނަމަވެސް ހުރިހާ ވަޒީރުން އެއްފަހަރާ ކޮމިޓީއަކަށް ހާޒިރުކުރުމަކީ މިހާތަނަށް ދުވަހަކު ވެސް ކޮމިޓީތަކުން އަމަލުކޮށްފައިވާ އުސޫލެއް ނޫން ކަމަށެވެ.

މަޖިލީހުގެ އަމީން އާއްމު އަހުމަދު މުހައްމަދު މިއަދު ސަން އަށް ވިދާޅުވީ ހައުސިން މިނިސްޓަރު މަޖިލީހުގެ ކޮމިޓީއަކަށް ވަޑައިގަތުމުން އެކަމަށް ސާޖެންޓް އެޓް އާމްސް ހުރަސްއެޅީ މަޖިލީހުގެ ކޮމިޓީތަކަށް މީހުން ހާޒިރުކުރުމަށް އޮންނަ އިޖުރާއަތުތަކާ ހިލާފަށް މިނިސްޓަރު ހާޒިރުކުރުމަށް ނިންމާފައިވާތީ ކަމަށެވެ. އަދި އެގޮތަށް ސާޖެންޓް އެޓް އާމްސްގެ އަމަލްކޮށްފައި ވަނީ މަޖިލީހުގެ ރައީސް އަންގަވައިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ކޮމިޓީގެ މުގައްރިރުގެ ފޯން ނިއްވާލައްވާފައި އޮތުމުން ވަޒީރުންގެ މަޖިލިސް އެއްގޮތަށް ކޮމިޓީ އަށް ހާޒިރުކުމަށް ނިންމާފައި ވަނީ ކޮން ސަބަބަކާ ހުރެތޯ އަދި ވަނީ ސާފުވާ ގޮތް ނުވެފަ އެވެ.

ކޮމިޓީތަކަށް މީހުން ހާޒިރުކުމުގައި އަމަލުކުރަމުން އަންނަ އުސޫލަކީ މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅައިގެން އެކޮމިޓީތަކުން ފާސްކޮށްގެން މިހާތަނަށް ކުރަމުން އަންނަ ކަމެވެ. ނަމަވެސް މިއަދު މެންދުރު 1 ޖަހާއިރަށް ވަޒީރުން ހާޒިރުކުމަށް އަންގާފައި ވަނީ އެ އުސޫލާ ހިލާފަށެވެ.