11 Nov 2013, 14:56
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ އޮފީހަށް ވަޑައިގެންވީ ރައީސް ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި އިސްތިއުފާގެ ބަޔާނެއް ހިއްޕަވައިގެން ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓްރީއާ ހަވާލުވެވަޑައިގެން ހުންނެވި އެނާޖީ މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވީ ރައީސް ވަހީދު އިސްތިއުފާ ދެއްވުމަށް ނިންމަވައިގެން އޮފީހަށް ވަޑައިގެންނެވި ނަމަވެސް ވެރިކަމުގައި ހުންނެވުމަށް ނިންމެވީ ވަޒީރުންގެ މަޖިލީހާ އެމަނިކުފާނުގެ އަރިހުގައި ތިއްބެވި ވަރަށް ގިނަ ބައެއްގެ "އާދޭހާ" އެކުގައި ކަމަށެވެ.
"ރައީސް ބޭނުންފުޅު ވަނީ އިސްތިއުފާދެއްވާފައި ވަޑައިގަންނަވަން. އެންމެ ފަހު ވަގުތު ވެސް ރައީސް އޮފީހަށް ވަޑައިގެންނެވީ އެ ގޮތަށް ނިންމަވައިގެން. ހުރިހާ މިނިސްޓަރުންނާއި އަދި ދެން ވެސް ކައިރީގައި ތިއްބެވި ހުރިހާ ބޭފުޅުންގެ އާދޭހާ އާ އެކީގައި [އިސްތިއުފާ ނުދެއްވާ] ރައީސް މަޑުކުރެއްވީ. ހަމަ އެގޮތަށް އިސްތިއުފާގެ ސްޓޭޓްމެންޓެއް ވެސް ހިއްޕަވައިގެން ވަޑައިގެންނެވީ،" ޝަކީލާ ވިދާޅުވި އެވެ.
ރިޔާސީ ދައުރު އިއްޔެގެ ނިޔަލަށް ހަމަ ވެފައިވާ އިރު ރައީސް އިސްތިއުފާ ދެއްވުމަށް އިއްޔެ ހެނދުނުން ފެށިގެން ރޭގައި ރައީސް ބަޔާން ނެރުއްވުމާ ހަމައަށް ބޭރުގެ ޕްރެޝަރުތަކެއް އައި ކަމަށް ވެސް ޝަކީލާ ވިދާޅުވި އެވެ.
"އިންޓަނޭޝަނަލް ވަރަށް ބޮޑު ޕްރެޝަރު އައި އިއްޔެ. ކުއްލި ނިންމުންތަކެއް ނިންމަން ޖެހުނު އަޅުގަނޑުމެނަށް އެވަގުތު. ހެނދުނު ގާތްގަނޑަކަށް 9:00 އިން ފެށިގެން ރޭގައި ރައީސްގެ ސްޓޭޓްމަންޓާ ހަމައަށް ޕްރެޝަރުއައި އެންމެ ފަހު ވަގުތު ވެސް،" މިނިސްޓަރު ވިދާޅުވި އެވެ. ބޭރުގެ ފަރާތްތަކުން ހުށަހެޅުއްވި އެކި ހުށަހެޅުއްވުމުގެ ތެރޭގައި އަބްދުﷲ ޝާހިދަށް ވެރިކަން ހަވާލުކުރެއްވުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ރައީސް ޑރ. ވަހީދު ރަށުގައި ހުންނެވުމަށް ނިންމެވީ އަމިއްލަފުޅަށް ކަމަށާއި އެމަނިކުފާނު ހުންނެވީ ފުރިހަމަ ސެކިއުރިޓީއާ އެކުގައި ކަމަށް ސަރުކާރުން ބުނެ އެވެ.
ޑރ. ޝަކީލާ ވިދާޅުވީ ރައީސް ކޮންމެހެން ކުރައްވަން ޖެހިވަޑައިގަންވާ ކަމެއް ކުރައްވަން ނޫން ގޮތަކަށް އޮފީހަށް ވަޑައިގަންނަވާނެހެން ހީފުޅުނުވާ ކަމަށާއި ނަމަވެސް ރައީސް އޮފީހަށް ވަޑައިގަންނަވާނެ ކަމަށެވެ.
އޭގެ އިތުރުން ޝަކީލާ ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ ފަހުން ރައީސް ކަމުގައި ނުހުންނަވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށާއި އަދި އޭގެ ފަހުންގައި ވެރިކަމުގައި ހުންނެވުމަށް އެއްވެސް ޕްރެޝަރެއް ނުކުރައްވަން އެދިވަޑައިގެންނެވި ކަމަށެވެ.
"[ރައީސްކަމުގައި ހުންނެވުމަށް،] އެ ނިންމެވުވުން ނިންމެވީ އަޅުގަނޑުމެން ވެސް ރައީސަށް ވަރަށް ބޮޑު ޔަގީންކަމެއް ދިނީމާ އަޅުގަނޑުމެން އިތުރަށް ޕްރެޝަރު ނުކުރާނެ ކަމުގެ. ހުރިހާ މިނިސްޓަރުން ކައިރީ ވަކިވަކިން ރައީސް ދެންނެވި ތިޔަ މީހުން އިތުރަށް ތިމަންނަ އަށް ޕްރެޝަރުކޮށް އިތުރަށް ރައީސް ކަމުގައި ބެހެއްޓުމަށް މަސައްކަތް ކުރައްވައިގެން ނުވާނެ ކަމަށް،" ޝަކީލާ ވިދާޅުވި އެވެ.