އަންނަ ހޮނިހިރު ދުވަހާ ހަމައަށް ވެރިކަމުގައި ދެމިހުންނެވުމަށް ރޭ ރައީސް މުހައްމަދު ވަހީދު ނިންމެވި ނިންމެވުމަކީ ގައުމާއި ދީނަށް ޓަކައި ނިންމެވި ނިންމުމެއް ކަމަށް ޕީޕީއެމް އެމްޑީއޭ ކޯލިޝަނުންނާއި އަދާލަތު ޕާޓީން ބުނެފި އެވެ.

ނަސަންދުރާގައި ރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ރައްޔިތުން މަޖިލީހުގެ ވިލި މާފަންނު ދާއިރާގެ މެންބަރު އަދި ޕީޕީއެމުގެ ކައުންސިލުގައި ވެސް ހިމެނިވަޑައިގަންނަވާ އަހުމަދު ނިހާން ވިދާޅުވީ ވެރިކަމުގެ ދައުރު ހަމަވުމަށް ފަހުގައި ވެސް ރައީސް ވަހީދު ވެރިކަމުގައި ދެމިހުރުމަށް ރޭ ނިންމެވި ނިންމެވުމަކީ ގައުމާއި ދީނަށް ޓަކައި އެޅުއްވި "މާސިންގާ"ފިޔަވަޅެއް ކަމަށާއި 7 ފެބްރުއަރީގައި ވެސް އެމަނިކުފާނު އެޅުއްވީ އެފަދަ ފިޔަވަޅެއް ކަމަށެވެ.

"އަޅުގަނޑުމެންނަށް ގަބޫލުކުރެވޭ މި ހަމައިގައި ގައުމު ބޮޑު ހަލަބޮލިކަމެއް ގޮސް، ދެ ބައިއެއްގެ މެދުގައި ބޮޑު ފިތުނަތަކެއްގެ އުފެދި ގޯސްވެދާނެ ހާލަތެއް ދިމާވީމާ ގައުމަށް ޓަކައި މަޑުކޮށްލަ ދެއްވީ ހަމަ މަދު ދުވަސްކޮޅެއް، އުސޫލެއްގެ ގޮތުން ބަލަންޏާ އެމަނިކުފާނަށް ވާނެ އެއްވެސް ފައިދާއެއް، ކުރާނެ އިތުރު ރާހަތެއް ކަމެއް ނޯންނާނެ. އެފަދަ ދަރިންނަކީ ވަރަށް މަދު ދަރިންނެއް،" ނިހާން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނަށް ތާއީދުކުރައްވަން ނިންމަވާފައިވާ އަދާލަތު ޕާޓީގެ ނައިބު ލީޑަރު ޑރ. މައުރޫފު ހުސެއިން ވިދާޅުވީ ރޭ ރައީސް ވަހީދު އިސްތިއުފާ ދެއްވި ނަމަ ގައުމު ހަލަބޮލި ކަމަކަށް ގޮސް "ޝިކާރަކުރާ ޖަނަވާރުތަކެއްގެ އަތްމައްޗަށް" ގޮސްދާނެ ކަމަށެވެ. އަދި އެމަނިކުފާނު ދެއްކެވި ހިތްވަރު ގަދަ ކަމަށް އޭނާ ވަނީ ރައީސް ވަހީދަށް މަރުހަބާ ދަންނަވާފަ އެވެ.

"އަޅުނގަޑުމެންނަށް އިނގޭ އެމަނިކުފާނަށް ކުރިމަތިކުރެވުނު ޕްރެޝަރު. ބޭރުގެ ފަރާތްތަކުންނާޢި އެތެރެއިން ވެސް. އެމަނިކުފާނަށް މަޖުބޫރުކުރުވި، ގާތްގަނޑަކަށް މަޖުބޫރީ ހާލަތަކަށް ގެންދެވި، ރައީސް ކަމުން އިސްތިއުފާ ދެއްވާފައި މިގައުމު ދޫކޮށްލުމަށް. ނަޝީދާ ގުޅިފައިވާ ބޭރުގެ ފަރާތްތަކާއި ގައުމު ހަވާލުކޮށްލާށޭ. ނަމަވެސް ރައްޔިތުންގެ އާދޭހަށް އެމަނިކުފާނު ނިންމެވި ހިތްވަރުގަދަ ނިންމެވުމެއް މަރުހަބާ ދަންނަވަން،" އޭނާ ވިދާޅުވި އެވެ.