11 Nov 2013, 13:25
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދަކީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ނޫން ކަމަށާއި ސުޕުރީމް ކޯޓްގެ ހުކުމެއް އެބަ އޮތް ކަމަށް ވިދާޅުވެ މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަބްދުﷲ ޖާބިރު، ޝާހިދަށް އިންޒާރު ދެއްވައިފި އެވެ.
މިއަދު 13:00ގައި ރައްޔިތުންގެ މަޖިލީހުގައި ބޭއްވި މާލިއްޔަތު ކޮމެޓީގެ ބައްދަލުވުމަކަށް ހައުސިން މިނިސްޓަރު ހާޒިރުކުރުމުން ގާނޫނީ ހައިސިއްޔަތު ނެތް ކަމަށް އަންގައި މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މަޖިލީހުން ފޮނުވާލުމުން ޖާބިރު ޝާހިދަށް ގުޅުއްވައި ރުޅިވެރިކަމާ އެކު ވިދާޅުވީ "ޝާހިދަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އޭ ޝާހިދަކީ ރައީސް ޖުމްހޫރިއްޔާއެއް ނޫނޭ، ސުޕުރީމް ކޯޓުގެ ހުކުމެއް އެބޯތޭ، ޝާހިދު އޮޅިގެންނޭ ތިޔަ އުޅުއްވަނީ،" ކަމަށެވެ.
އެމްޑީޕީގެ ޕާލަމެންޓް ގްރޫޕްގެ ޑެޕިއުޓީ ލީޑަރުކަން ވެސް ކުރައްވާ ޖާބިރު ކޯފާ އިސްކުރައްވައި ޝާހިދަށް ގުޅުއްވައިގެން ހުންނަވައިގެން ވިދާޅުވީ "ތިޔަ ގޮތަށް އަމަލު ނުކުރެއްވޭނެ ޝާހިދަކަށް" ކަމަށާއި "މަނިކުފާނު ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުން އަޅުގަނޑު ވަކިކުރާނަން ތިޔަ ގޮތަށް ހަދައިފިއްޔާ،" ކަމަށެވެ. އަދި ޖާބިރު ވިދާޅުވީ "އެ މައްސަލާގައި ޗެލެންޖް ކުރަން، ޝާހިދު ހީނުކުރައްވައްޗޭ އަޅުގަނޑާ ޗެލެންޖް ކުރައްވައިގެން މޮޅުވާނެ" ކަމަށެވެ.
ޖާބިރު ވިދާޅުވީ ޝާހިދު އެ ކޮމެޓީ ހުއްޓުވި ކަމަށާއި ޝާހިދަށް އެގޮތަށް އަމަލު ނުކުރެއްވޭނެ ކަމަށެވެ. އަދި މިނިސްޓަރު މުއިއްޒުއަށް ކޮމެޓީ އަށް ވަދެވޭނެ ކަމަށް ޖާބިރު ވިދާޅުވި އެވެ. ޖާބިރު ފޯނު ކަނޑުއްވައިލެއްވީ "ޝާހިދު އަޅުގަނޑާ ޗެލެންޖްކޮށް ތިޔަކަން ކޮށްފިޔާ މިއަދު ނިމޭނީ ވަރަށް ގޯސްކޮށް،" ކަމަށް ވިދާޅުވަމުންނެވެ.
މިއަދުގެ މާލިއްޔަތު ކޮމެޓީ އިން ނިކުމެވަޑައިގެން ޖާބިރު ވަނީ ޝާހިދުގެ ކޮޓަރިކޮޅަށް ވަޑައިގެންފަ އެވެ. އަދި އެ އަށް ފަހު މަޖިލީހުގެ ތެރޭގައި އަޑުގަދަކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
މިއަދުގެ ކޮމެޓީ އަށް ވަޑައިގެންފައި ވަނީ ވެސް ޖާބިރު އެކަންޏެވެ.