ނިއުކާސަލް ޔުނައިޓެޑްގެ ގޯލް ކީޕަރު ޓިމް ކުރުލްގެ މޮޅު ސޭވް ތަކާއެކު ޓޮޓެންހަމް ހޮޓްސްޕާގެ އަމިއްލަ ދަނޑުގައި 1-0 އިން އެޓީމު ބަލިކޮށް ނިއުކާސަލް ޓޮޓެންހަމް ސިއްސުވާލައިފި އެވެ.

ރޭގެ މެޗުގައި ޓޮޓެންހަމްއިން ނިއުކާސަލް ކޮޅަށް ޖުމުލަ 31 ހަމަލާ އުފައްދައި އޭގެ ތެރެއިން 14 ހަމަލާ ގޯލަށް އަމާޒުކޮށްފައިވާއިރު ކުރުލްވަނީ ހުށިޔާރުކަމާއެކު އެ ހުރިހާ ހަމަލާތައްވެސް ދިފާއުކޮށްފަ އެވެ. އަދި ޓޮޓެންހަމް ވެގެން ގޮސްފައިވަނީ، ޕްރިމިއާ ލީގުގައި 2007 ވަނަ އަހަރުގެ ފަހުން ޓީމެއްގެ ގޯލަށް އެހާގިނަ ހަމަލާތަށް އަމާޒުކޮށް ލަނޑެއް ކާމިޔާބު ނުކުރެވުނު ހަމަ އެކަނި ޓީމަށެވެ.

ރޭގެ މޮޅާއެކު ނިއުކާސަލް ވަނީ 17 ޕޮއިންޓާއެކު ތާވަލުގެ ނުވަވަނަ އަށް ކުރިއަށް ޖެހިލާފަ އެވެ. އަދި އެ މެޗުން ބަލިވުމުން ޓޮޓެންހަމް ވަނީ އެޓީމަށް ލިބިފައިއޮތް 20 ޕޮއިންޓާއެކު ތާވަލުގެ ހަތްވަނައަށް ވެއްޓިފަ އެވެ.

ނިއުކާސަލްއަށް އެ މެޗުގައި ޓޮޓެންހަމްގެ ގޯލަށް މާކަގިނަ ހަމަލާތަކެއް އުފެއްދިފައި ނުވި ނަމަވެސް އެޓީމުން ޓޮޓެންހަމްގެ ގޯލަށް އަމާޒުކުރި ހަތަރު ހަމަލާގެ ތެރެއިން އެއްހަމަލާ މެޗުގެ 13 ވަނަ މިނިޓްގައި ގޯލުތެރެއަށް ފޮނުވާލައިގެން ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ލޮއިކް ރެމީއެވެ.

ނިއުކާސަލްގެ ކޯޗް އެލަން ޕާޑިއުއަށް ލީގުގައި ޖެހިޖެހިގެން ދެ މޮޅު ހޯދުމުގެ އުފާ ލިބިފައިވާއިރު ޓޮޓެންހަމްގެ ކޯޗް އަންދްރޭ ވިއަސް ބޮއަސް އަށް ތާވަލުގެ ކުރީގައި އޮތް ވެންގާގެ އާސެނަލްއާ ތަފާތުކުޑަކުރަން މިއީ ގެއްލިގެން ދިޔަ ރަނުގެ ފުރުސަތެކެވެ.