ނ. ވެލިދޫ އެމްޑީއޭ އޮފީހަށް ގާއުކައި އެތަނުގެ ބިއްލޫރިގަނޑެއް ތަޅާލައިފި އެވެ.

ސަން އަށް މައުލޫމާތު ދެއްވަމުން ވެލިދޫ ކައުންސިލް މެމްބަރު މުހައްމަދު ފާއިޒު ވިދާޅުވީ އެމްޑީއޭ އޮފީހަށް ޕޭމަންޓްގާތައް އުކައި ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާގެ މައުލޫމާތު ލިބުމާ އެކު ވަގުތުން ފުލުހުންނަށް ރިޕޯޓު ކުރި ކަމަށާއި މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ ޓީމެއް އެ ސަރަހައްދަށް ގޮސް ލިބުނު ގެއްލުން ބަލާފައިވާ ކަމަށެވެ.

"މިއަދު ހެނދުނު 6:00 އެހާކަންހާއިރު އަޅުގަނޑަށް އެ މައުލޫމާތު ލިބުމާ އެކު ފުލުހުންނަށް ރިޕޯޓު ކުރިން. ދެން ފުލުހުންގެ ޓީމެއް ވަޑައިގެން އެތަން ބައްލަވާ ފޮޓޯ ނަންގަވާފައި ވަނީ،" ފާއިޒު ވިދާޅުވި އެވެ.

ޕީޕީއެމް އެމްޑީއޭ ކޯލިޝަނާއި އަދާލަތު ޕާޓީ ގުޅިގެން ވަރަށް ފޯރިގަދަ ކެމްޕޭން ޖަލްސާއެއް ރޭ ވެލިދޫގައި ބާއްވާފައިވާ ކަމަށާއި އެމްޑީއޭ އޮފީހަށް ގެއްލުންދީފައި ވަނީ އެކަމާ ހަޖަމުނުކުރެވިގެން އެމްޑީޕީގެ ސަޕޯޓަރުން ކަމަށް ބެލެވޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭގެ ސަޕޯޓަރުންގެ މުދަލަށް ގެއްލުންދޭނެ ކަމުގެ އިންޒާރު ދިނުމަށް ފަހު އެމްޑީޕީގެ ސަޕޯޓަރުން މީގެކުރިން އަމަލީ ގޮތުން އެފަދަ އަމަލުތައް ހިންގާފައިވާ ކަމަށެވެ.