ޔުވެންޓާސް އެޓީމުގެ އަމިއްލަ ދަނޑުގައި ރޭ ފަސޭހަކަމާއެކު 3-0 އިން ނަޕޯލީ ބަލިކޮށް އިޓާލިއަން ލީގު ތާވަލުގެ އެއްވަނައިގައި އޮތް ރޯމާއާ އެއްޕޮއިންޓް ގާތައް ޖެހިލައިފި އެވެ.

ރޭގެ މޮޅާއެކު 12 މެޗުކުޅެގެން ޖުމުލަ 31 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައި ޔުވެންޓާސް އޮތްއިރު 12 މެޗު ކުޅެގެން އެއްވަނައިގައި އޮތް ރޯމާއަށް ލިބިފައިވަނީ 32 ޕޮއިންޓެވެ. އަދި ޔުވެންޓާސް އަތުން ބަލިވުމުން ނަޕޯލީވަނީ 28 ޕޮއިންޓާކުއެ ތިންވަނައަށް ވެއްޓިފަ އެވެ.

މެޗުގެ ދެވަނަ މިނިޓުގައި ޔުވެންޓާސްއަށް ލީޑު ނަގައިދިނީ، ފެނާންޑޯ ލޮރެންޓޭ އެވެ. އަދި އެޓީމުގެ ދެވަނަ ލަނޑު އެޓީމަށް ލިބުނު ހިލޭ ޖެހުމަކުން 74 ވަނަ މިނިޓުގައި އަންދްރޭ ޕިރްލޯ ކާމިޔާބުކޮށްދީފައިވާއިރު އޭގެ ހަ މިނިޓް ފަހުން އެޓީމުގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މުޅި މެޗުގައިވެސް ފާހަގަ ކޮށްލެވޭ މޮޅު ކުޅުމެއް ދައްކުވައިދިން ޕައުލް ޕޮގްބާއެވެ.

އިޓަލީ ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ސަމްޕޯޑިއާއަތުން ފިއޮރެންޓީނާ މޮޅުވީ 2-1 އިންނެވެ. އަދި 1-1 އިން ސަސުއޮލޯ އަތުން ރޯމާ އެއްވަރުވެ ޗީވޯވެރޯނާ އާއި އޭސީ މިލާން ބައްދަލު ކުރި މެޗު ލަނޑެއް ނުޖެހި އެއްވަރުވީއިރު އިންޓަމިލާން ވަނީ 2-0 އިން ލިވޯނޯއަތުން މޮޅުވެ 25 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލައިފަ އެވެ.