11 Nov 2013, 11:57
ރާއްޖޭގައި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު އަވަހަށް ބާއްވައި އާ ރައީސަކު އަވަހަށް ހުވާ ކުރައްވާނެ ކަމަށް އުއްމީދުކުރާ ކަމަށް އިންޑިއާ އިން ބުނެފި އެވެ.
އިންޑިއާ އިން މިހެން ބުނީ އިއްޔެ ބާއްވަން އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ފަސްކުރަން ސުޕްރީމްކޯޓުން ކުރި އަމުރާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން އިއްޔެ ނެރުނު ބަޔާނެއްގަ އެވެ.
"ސަރުކާރުގެ ދައުރު މިއަދު ނިމޭއިރު، ގައުމު ހިންގުމަށް އެންމެން އެއްބަސްވާ ވަގުތީ އެރޭންޖްމެންޓެއް ހެދިފައި ނެތުމަކީ ވެސް ކަންބޮޑުވާ ކަމެކެވެ. ރާއްޖޭގައި ވަމުންދާ ކަންތައްތައް ރާއްޖޭގެ ރައްޔިތުންނާއި ބައިނަލް އަގުވާމީ މުޖުތަމައުން އަންނަނީ ކައިރިން ބަލަމުންނެވެ. އިންތިހާބީ ނިންމުމާއި ރައްޔިތުން ޑިމޮކްރަސީ އަށް ކުރާ އުއްމީދުތަކަށް ހުރިހާ ފަރާތަކުން ވެސް އިހުތިރާމް ކުރުމަކީ މުހިއްމު ކަމެކެވެ. ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ވީހާ އަވަހަކަށް ބާއްވައި އަލަށް އިންތިހާބުވާ ރައީސް ވީހާ އަވަހަށް ހުވާކުރުމަކީ އަހަރެމެންގެ އުއްމީދެކެވެ،" އިންޑިއާގެ ބަޔާނުގައިވެ އެވެ.
ޝެޑިއުލްކޮށްފައިވާ ގޮތަށް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ނުބޭއްވުމުން ވަރަށް ބޮޑަށް ހިތްހަމަ ނުޖެހޭ ކަމަށް ވެސް އިންޑިއާގެ ބަޔާނުގައިވެ އެވެ. އިންތިހާބުގެ ކަންކަން ތަކުރާރުކޮށް ހުއްޓުވަމަކީ ވަރަށް ކަންބޮޑުވާ، ސީރިއަސް މައްސަލައެއް ކަމަށް ވެސް އެބަޔާނުގައި ބުނެފައިވެ އެވެ.