04 Dec 2010, 05:53
ޔަހޫދީންނަކީ އިސްލާމުންނާ މެދު ލާއިންސާނީ އަމަލުތައް ހިންގަމުންދާ އިސްލާމުންނަށް ދުވަހަކު ވެސް ހެޔޮ ނޭދޭނެ ބަޔަކަށް ވާއިރު ދިވެހި ސަރުކާރުން ގެންނަ ޔަހޫދީ ޑޮކްޓަރުންގެ ޓީމާ ދުރުހެލިވެ ސަމާލުވުމަށް ދިވެހި ރައްޔިތުންނަށް އަދާލަތުން ޕާޓީން އިންޒާރުކޮށްފި އެވެ.
އަދާލަތުން ޕާޓީން އިއްޔެ ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނަނީ ޒަޔަނިސްޓް ޔަހޫދީ ދައުލަތަކީ ލާއިންސާނީ އަމަލުތައް ސިއްރާއި ފާޅުގައި ހިންގަމުން ގެންދާ ބައެއް ކަމަށާއި އެ މީހުންގެ ޑޮކްޓަރުންނަކީ ވެސް އެ އިންސާނީ ޖަރީމާގައި ބައިވެރިވަމުން އަންނަ ބައެއް ކަމަށެވެ. އަދި އެ ޑޮކްޓަރުންގެ ކިބައިން ދިވެހި ރައްޔިތުންނަށް ގެއްލުމެއް ފޯރައިފާނެތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ދިވެހި އެންމެހާ ރައްޔިތުން މިކަމަށް ހޭލައި ތިބުމަށް އެ ބަޔާނުގައި އިއުތިމާސް ކޮށްފައިވެ އެވެ.
"ޒަޔަނިސްޓު ޔަހޫދީންނަކީ ލާއިންސާނީ ޢަމަލުތައް ހިންގުމުގައި ނަންހިގާފައިވާ ބައެކެވެ. އިސްރާއީލުގެ ސިފައިންގެ ބާރު ނުވަތަ އިސްރާއީލީ ޑިފެންސް ފޯސް (އައި.ޑީ.އެފް) އަކީ ދުނިޔޭގައި އޮތް އެންމެ ލާއިންސާނީ ސިފައިންގެ ބާރެވެ. ހަމަމިފަދައިން އިސްރާއީލުގެ ޖާސޫސީ އިދާރާ (މޮސާދް) އަކީ ވެސް ދުނިޔޭގައި ނުބައި ނުލަފާ ކަމަށް މަޝްހޫރު ވެފައިވާ މުއައްސަސާ އެކެވެ. އިސްރާއީލުގެ ޑޮކްޓަރުންނަކީ ވެސް މީގެ ތެރޭން އިސްތިސްނާވާ ބައެއް ނޫނެވެ. އިސްރާއީލުގެ ޑޮކްޓަރުންނަކީ ވެސް މިލިޓަރީ ޓްރެއިނިންގ ހަދާފައިވާ ބައެކެވެ. އިސްރާއީލުގެ ސިފައިން ޝަހީދު ކޮށްލާފައިވާ ފަލަސްޠީނީންގެ އެތައް ބައެއްގެ އެކިއެކި ގުނަވަންތައް އެމީހުންގެ ޑޮކްޓަރުން ވަގަށް ނަގާކަމުގެ ވާހަކަތަކަކީ ތޯތޯ ވާހަކަތަކެއް ނޫނެވެ. މިކަމަކީ ޚުދު އެމީހުން އެއްބަސް ވެފައިވާ ކަމެކެވެ،" އަދާލަތު ޕާޓީގެ ރަސްމީ ވެބްސައިޓްގައި ޝާއިއުކޮށްފައިވާ ބަޔާނުގައިވެ އެވެ.
ދިވެހި ސަރުކާރުން އިސްރާއީލާ މެދު ބާއްވާ ހާރިޖީ ސިއްރު ގުޅުންތަކާ މެދު ކަންބޮޑުވުން ފާޅުކުރަމުން އެ ބަޔާނުގައި ބުނެފައި ވަނީ ސަރުކާރުން އިސްލާމް ދީނަށް ގޮންޖެހުމަށް ކުރިއަށް ގެންދާ އަމަލުތަކުގެ ފަހަތުގައި އިސްރާއީލުގެ އަތެއް ވާކަމަށާއި ރާއްޖެ އަންނަ ޑޮކްޓަރުންގެ ޓީމާ އެކު އިސްރާއީލުގެ ފޮރިން މިނިސްޓްރީގެ ޓީމެއް ބައިވެރިވާކަން އެނގިފައި ވާކަމަށެވެ.
"ޒަޔަނިސްޓު ދައުލަތާއި އެކު ގުޅުން ބަދަހި ކުރަން ފެށިފަހުން ރާއްޖޭގެ ތަޢުލީމީ މަންހަޖު ބަދަލުކޮށް އިސްލާމީ ތަޢުލީމުގެ ދައުރު ފަނޑުކޮށްލުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތަކީ މީގެ ކުރީން ވެސް އެތައް ފަހަރެއްގެ މަތީން އަޅުގަނޑުމެން، ރައްޔިތުންގެ ސަމާލު ކަމަށް ގެނެސްދީފައިވާ ކަމެކެވެ. ޢަރަބި އިސްލާމީ ތަޢުލީމްދޭ މުއައްސަސާތައް އިހުމާލު ކުރުމާއި، މަތީ ސާނަވީގައި އިސްލާމް ދިވެހި ދެ މާއްދާ އިޚުތިޔާރީ ކުރުމަށް ރޭވުން އަދި ރާއްޖޭގެ އިސްލާމީ ވަޙުދަތު ޙިމާޔަތް ކުރުމަށްޓަކައި އެކިއެކި ބައިނަލް އަގުވާމީ މުއާޙަދާ ތަކުގައި ބަހައްޓާފައި ހުރި ރިޒަރވޭޝަންތައް ނެގުމަށް މަސައްކަތް ކުރުންފަދަ ކަންކަމަކީ ގުޅުމެއްނެތް ވަކިވަކި ކަންތައްތަކެއް ކަމުގައި މިއަދު ބެލެވޭކަށް ނެތެވެ. އަދި މިކަންތަކަކީ އަޑުއިވެމުންމިދާ “ބޮޑުމަންޒަރު”ގެ ތެރޭގައި ހިމެނޭ ކަންތައް ބާވަ އެވެ؟،" އަދާލަތުގެ ބަޔާނުގައިވެ އެވެ.
އަދި ޔަހޫދީ ޑޮކްޓަރުން ނަކީ ސީދާ އިސްރާއީލުގެ މިޝަނަރީ ގުރޫޕެއް ކަމަށާއި އެމީހުން ރާއްޖޭގައި މިޝަނަރީ ހަރަކާތްތަކެއް ހިންގުމަކީ ގާތްކަމެއް ކަމަށާއި އެކަމާ ދިވެހި ރައްޔިތުން ހޭލާ ތިބުމަށް އެ ބަޔާނުގައި ގޮވާލާފައިވެ އެވެ.
"ލޮބުވެތި ދިވެހި މުސްލިމް މުވާޠިނުންނޭވެ! ޔަހޫދީ ޒަޔަނިސްޓުން މުސްލިމް ދިވެހި ގައުމުގެ ތެރެއަށް ފުރޭނިގެން މިދާ ދިއުމާ މެދު ހޭއަރައި ތިއްބަވާށެވެ! އަޅުގަނޑުމެންގެ ތެރޭގައިތިބި އެމީހުންގެ ޕްލޭންތަކަށް މަގުފަހިކޮށްދޭ އެޖެންޓުންނާ މެދު ވެސް ފަރުވާތެރިވެލައްވާށެވެ!."
މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަން އިން ވެސް ވަނީ ޔަހޫދީ ޑޮކްޓަރުންގެ ޓީމެއް ރާއްޖެ އަންނަ އައުމާ މެދު ކަންބޮޑުވުން ފާޅޫކޮށް އެ ޓީމު ރާއްޖެ އަޔަނުދިނުމަށް މަސައްކަތް ކުރުމަށް ދިވެހި ސަރުކާރަށާއި ރައްޔިތުންނަށް ގޮވައިލައިފަ އެވެ.
ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން މިދިޔަ މަހު 25ގައި ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ މި މަހު 9 އިން ހަފުތާއެއް ވަންދެން އިޒުރޭލުގެ ލޮލުގެ ޑޮކްޓަރުންގެ ހާއްސަ ޓީމެއް އެ ހޮސްޕިޓަލުގައި ބަލާނެ ކަމަށާއި އެ ޑޮކްޓަރުންނަށް ދެއްކުމަށް އެދޭ މީހުން މާދަމައާއި އަނެއް ދުވަހު ނަން ނޯޓް ކުރުމަށެވެ.