ރެއާލް ބެޓިސްގެ ދަނޑުގައި ފަސޭހަކަމާއެކު 4-1 އިން އެޓީމު ބަލިކޮށް ބާސެލޯނާ ސްޕެއިން ލީގު ތާވަލުގެ އެއްވަނައިގައި ލީޑް ފުޅާކޮށްފި އެވެ.

ބާސާއަށް ލީޑް ފުޅާކުރަން ފުރުސަތު ލިބުނީ، ދެވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑް ރޭ ވިލަރެއާލްއާ އެއްވަރުވެ ދެ ޕޮއިންޓު ގެއްލުވާލުމުންނެވެ. ތާވަލުގެ ކުރީގައި ބާސާ މިހާރު އޮތީ 13 މެޗުކުޅެގެން 37 ޕޮއިންޓް ހޯދައިގެންނެވެ. އަދި ތާވަލުގެ ދެވަނައިގައި އެތުލެޓިކޯ އޮތީ 34 ޕޮއިންޓާއެކު އެވެ.

ރޭގެ މެޗުގައި ބާސާއަށް ބެޓިސްގެ ގޯލް ހުޅުވާލަ ދިނީ، 36 ވަނަ މިނިޓުގައި ބާސާގެ ބްރެޒިލް ފޯވާޑް ނޭމާ އެވެ. ޖެހިގެން އައި މިނިޓްގައި ބާސާގެ ދެވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށް ލީޑް ފުޅާކޮށްދިނީ ޕެޑްރޯ ރޮޑްރިގޭޒްއެވެ.
މެޗުގެ ފުރަތަމަ 20 މިނިޓުގެ ތެރޭގައި ބެޓިސް އިން ރަނގަޅު ކުޅުމެއް ދައްކާފައިވާއިރު އެޓީމަށް ލީޑު ނަގާނޭ ފުރުސަތުވެސް ލިބުނެވެ.

ބާސާގެ ފަހު ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އާސެނަލްގެ ކުރީގެ ކެޕްޓަން ސެސް ފެބްރިގާސް އެވެ. އެގޮތުން ފުރަތަމަ ލަނޑު އޭނާ ކާމިޔާބުކޮށްދިނީ ފަހު ހާފުގެ 63ވަނަ މިނިޓުގައެވެ. އަދި ދެވަނަ ލަނޑު 79 ވަނަ މިނިޓުގަ އެވެ. މެޗުގައި ބެޓިސް ކާމިޔާބުކުރި ހަމަ އެކަނި ލަނޑު، މެޗުގެ އިތުރު ވަގުތުގައި އެޓީމަށް ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ޖޯޖް މޮލީނާ އެވެ.

މެޗުގެ ފުރަތަމަ ހާފުގައި ބާސާގެ އާޖެންޓީނާ ތަރި ލިއޮނަލް މެސީގެ ފަޔަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބަދަލުކޮށްފަ އެވެ.

ސްޕެއިން ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލެވެންޓޭ އަތުން އެތުލެޓިކޯ ބިލްބާއޯ ވަނީ 2-1 އިން މޮޅުވެފަ އެވެ. އަދި ސެލްޓާވޯގޯ އަތުން 2-0 އިން ރާޔޮ ވަޔެކަނޯ މޮޅުވެ ވެލެންސިޔާއާ ވަލަޑޮލިޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު އެސްޕަންޔޯލް ވަނީ 3-1 އިން ސެވިއްޔާ އަތުން ބަލިވެފަ އެވެ.

މި ނަތީޖާ ތަކާއެކު ސްޕެއިން ލީގުގެ ގަދަ ފަހަކަށް ބަލާއިރު ތާވަލްގެ އެއްވަނައިގައި ބާސާ އަދި ދެވަނައިގައި އެތުލެޓީކޯ އޮތްއިރު ތާވަލްގެ ތިން ވަނައިގައި 31 ޕޮއިންޓާއެކު އޮތީ ރެއާލް މެޑްރިޑް އެވެ. ހަތަރު ވަނައިގައި 24 ޕޮއިންޓާއެކު ވިލަރެއާލް އޮތްއިރު 23 ޕޮއިންޓާއެކު ފަސް ވަނައިގައި އޮތީ ބިލްބާއޯ އެވެ.